Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އައްޑޫގައި ލޮލުގެ ޑޮކްޓަރެއް ނެތް، ފަރުވާ އަށް ފުވައްމުލަކަށް!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގައި ބަަޔަކު މަޑު ކޮށްލައިގެން. ފޮޓޯ: އައްޑޫލައިވް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އައްޑޫގެ ރައްޔިތުން މީގެ ކުރިން އާސަންދަ ޚިދުމަތުގެ ދަށުން އައިނު ހެއްދުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ، ހިތަދޫގައި ހުންނަ އައިކެއާ ކްލިނިކް މެދުވެރިކޮށެވެ.

ހިތަދޫ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކުމަށްފަހު ބޭސް ސިޓީ ހިފައިގެން އައިކެއާ ކްލިނިކަށް ގޮސް ކުރިން އައިނު ހެއްދުނު ނަމަވެސް މިހާރު އައިކެއާ ކްލިނިކް ގައި ވެސް އޮޕްތަމޮލޮޖިސްޓެއް ނެތެވެ. އެހެންވެ ލޮލުގެ ޑޮކްޓަރަށް ދައްކަން ބޭނުން ނަމަ އައްޑޫ ރައްޔިތުން ދާން ޖެހެނީ ފުވައްމުލަކަށް ނުވަތަ މާލެއަށެވެ.

"އަހަރުމެން މިހާރު ދާން ޖެހެނީ ފުވައްމުލަކަށް ނުވަތަ މާލެއަށް. ޏ.އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއް ހުރޭ. އައިނު ހައްދަން ނުވަތަ އިންފެކްޝަނެއް ހެދުނަސް މިހާރު ދާން މިޖެހެނީ ބޮޑު ހަރަދުކޮށްފަ ރަށް ދޫކޮށްފަ އެހެން ރަށަކަށް" އައިނެއް ހެއްދުމަށް ގިނަ ދުވަސްތަކެއް ހޭދަކުރި މީހަކު "އައްޑޫލައިވް" އަށް ކިޔާ ދިނެވެ.

އައްޑޫ ހޮސްޕިޓަލުގެ ދޭ ޚިދުމަތްތަކުގެ ފެންވަރާއި މެދު ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާއިރު ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ގެންދަނީ މެނޭޖްމެންޓުގެ ދޯދިޔާ ކަމުން ހުރިހާ ކަމެއް ބޮއްސުންލާފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.