Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ސޮނީ ސްޕޯޓްސް އިން "ބިލަބޮންގް" ބްރޭންޑް ތަޢާރަފް ކުރަނީ

މިހާރުވެސް ގިނަ އެޑިޑާސް، ނައިކީ، ރޮކްސީ އަދި ކުއިކްސިލްވާ ފަދަ މަޝްހޫރު ކުޅިވަރު ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖޭގައި ކާމިޔާބު ކަމާއިއެކީ ވިއްކަމުން އަންނަ ކުންފުނި ކަމަށްވާ ސޮނީ ސްޕޯޓްސް އިން އަނެއްކާވެސް މުޅިން އާ ބްރޭންޑް އެއް ތަޢާރަފް ކޮށްފިއެވެ.

މިފަހަރު ސޮނީ އިން ތަޢާރަފް ކޮށްފައި ވަނީ އޮސްޓްރޭލިއާގެ ފެޝަން ބްރޭންޑް އެއް ކަމަށްވާ "ބިލަބޮންގް" އެވެ. މީގެ ކުރިންވެސް މާލޭގައި އެބްރޭންޑްގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވި ނަމަވެސް، އެފިހާރަ ބަންދުކޮށް އެބްރޭންޑްގެ އުފެއްދުންތައް ވިއްކުން ހުއްޓާލާފައިވާތާ މިހާރު ތިން އަހަރު ވެއްޖެއެވެ.

ސޮނީ އިން "ބިލަބޮންގް" ބްރޭންޑްގެ އުފެއްދުންތައް އަލުން ރާއްޖެ ގެނެސްފައިވާ އިރު، އެބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި އެކި އުމުރުފުރާގެ އަންހެނުންނާއި ފިރިހެނުންގެ ޓީޝާތް، ސޯޓު، ފައިވާން، ދަބަސް، ވޮލެޓް އަދި އިތުރު ބައެއް އެއްޗެހިވެސް ހިމެނެއެވެ.

ސޮނީ އިން "ބިލަބޮންގް" ބްރޭންޑް ތަޢާރަފް ކުރުމާއިއެކު ވަނީ ވަރަށް ޚާއްސަ ލަކީ ޑްރޯއެއްވެސް ފަށާފައެވެ. ގަންނަ "ބިލަބޮންގް" ބްރޭންޑްގެ ކޮންމެ އުފެއްދުމަކާއިއެކު އެލަކީ ޑްރޯގައި ބައިވެރި ވެވޭނެއެވެ. އެގޮތުން ލަކީޑްރޯ އިން ހޮވޭ ނަސީބުވެރި ހަ ފަރާތަކަށް އިނާމެއްގެ ގޮތުން "ބިލަބޮންގް" ބްރޭންޑްގެ އުފެއްދުންތައް ގަނެގެން ކުރި ޚަރަދުގެ އަގާއި އެއްވަރުގެ ގިފްޓް ވައުޗާ އެއް ލިބޭނެއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހާއި ހަމައަށް މި ލަކީޑްރޯ ކުރިއަށް ދާއިރު، "ބިލަބޮންގް" ގެ އުފެއްދުންތައް ގަންނަން ލިބެން ހުންނާނީ އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިންނެވެ.