މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ އައްޑޫގެ ރަށްރަށުގެ ކޯޓްތަކާއި ފުލުހުންގެ މަރުކަޒުތަކުގައި ހުޅުޖެހި މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ޓެރަރަރިޒަމްގެ ދައުވާ އުފުލައި އެ ހާދިސާ އަށް އިއްޔެ އެއް އަހަރު ފުރުނު އިރު ވެސް ދައުވާ ކުރާ މީހުންގެ ޝަރީއަތް ދިގުލައިގެން ދަނީ އެކަމަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ނުލިބިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ދާޅުވީ ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފައިވާ އިރު އެ މައްސަލަތަކުގެ ޝަރީއަތް ކުރެވެން އޮތީ އެ ރަށްރަށް ކޯޓުން ގޮސްގެން ކަމަށެވެ. އައްޑޫގައި ރޯކޮށްލި މައްސަލާގައި 63 މީހެެެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. މީގެ ތެރޭގައި ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) އާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މޯޑް) ހިމެނިވަޑައިގަންނަވަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އައްޑޫގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ފިޔަވައި އެހެން އެންމެންގެ ޝަރީއަތް ހެކިބަސް ނެގުމާ ހަމައަށް ގޮސްފައިވާ އިރު ހެކިބަސް ނެގެން އޮތީ އައްޑޫ ސިޓީ އަށް ކޯޓުން ގޮސްގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އާއި ވަސީލަތްތައް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދިފައި ވާނެ ކަމަށް ވެސް ކޯޓުން ބުންޏެވެ.
އެ ކޯޓުން ބުނީ ފުރަތަމަ މަސައްކަތް ކުރީ ދައުވާ ލިބޭ ހުރިހާ މީހުންގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނިޔަލަށް ނިންމުމަށް ކަމަށެވެ. ނަމަވެސް ޑިޕާޓްމަންޓްގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ލިބިފައި ނުވާތީ އެކަން ކުރެވިފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ހުޅުޖެހި މައްސަލަތަކުގެ ޝަރީއަތް ކުރުމަށް ހޯދަން ޖެހޭ ވަސީލަތްތަކާއި އަދި ދަތުރު ޚަރަދަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށެވެ. އެހެންވެ އެ ފައިސާ ހަމަޖައްސައި ދިނުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް އެ ބަޖެޓް ހަމަޖައްސާފައި ނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ ހުޅުޖެހި މައްސަލައިގައި އެހާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ އިރު، އެ މީހުން މާލެ ގެނެސްގެން ޝަރީއަތް ހިންގުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ޚަރަދު ކުޑައީ، ކްރިމިނަލް ކޯޓުން އެ ރަށްރަށަށް ގޮސްގެން ޝަރީއަތް ހިންގުމެވެ. އެހެންކަމުން އެ ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި ޖުޑީޝަލް ޑިޕާޓްމެންޓާ އެކު މަޝްވަރާކޮށް އައްޑޫގައި އެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ނިންމީ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.