ބޮލީވުޑްގެ ކިންގް ޝާހް ރުކް ޚާން އާއި ޕާކިސްތާނުގެ އެކްޓްރެސް ކަމަށްވާ މާހިރާ ޚާން އެކުގައި ފެނިގެންދާ ފިލްމް "ރައީސް" ދަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.
އެހެންނަމަވެސް އެންމެ ފަހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު އެފިލްމަށް ލިބުނު ފައިދާ ވަނީ ކުޑަކޮށް ދަށަށް ގޮސް، ހޮނިހިރު ދުވަހު އެއަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް ޖެހިލާފައެވެ.
ޓްރޭޑް އެނެލިސްޓް ތަރަން އާދަރްޝް ޓްވިޓާގައި ބުނެފައިވާ ގޮތުން "ރައީސް" އަށް ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ޖުމްލަ 75.44 ކްރޯޑް ރުޕީސް ލިބިފައެވެ.
ހަފްތާ ބަންދާއިއެކު އާދިއްތަ ދުވަހު ފިލްމްގެ މަޤްބޫލްކަން އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އާދިއްތަ ދުވަހުގެ ވިޔަފާރި އާއި ބޭރު ޤައުމްތަކުގައި ފިލްމް އަޅުވައިގެން ލިބޭ ލާރި އެއްކޮށްލުމުން ފުދޭވަރެއް ވާނެ ކަމަށްވެސް ޤަބޫލު ކުރެވެއެވެ.
ރާހުލް ދޮލާކިއާ ޑައިރެކްޓް ކޮށްފައިވާ މިފިލްމް ދަނީ ސިނެމާތަކުގައި އެޅުވުނު ފުރަތަމަ ދުވަހުން ފެށިގެން ބޮކްސް އޮފީހުގައި ރަސްކަން ކުރަމުންނެވެ. އެފިލްމްގެ އެކްޝަން މަންޒަރު ތަކާއި، މޮޅެތި ޑައިލޮގް އަދި ރީތި މިއުޒިކްގެ ސަބަބުން ފާޑިކިޔުންތެރިންގެ ތަޢުރީފް އެފިލްމަށް ވަނީ އަމާޒް ވެފައެވެ. 20 އަހަރުގެ މުއްދަތަކަށްފަހު ރުޅިގަދަ ޒުވާނެއްގެ ރޯލުން ޝާހް ރުކް ޚާން ފެނިގެންދާ ފުރަތަމަ ފިލްމަކީވެސް "ރައީސް" އެވެ.