Last Updated: June 27, 20:02
Saturday, June 27, 2026
ދުނިޔެ

އެމެރިކާއިން ބާކީކޮށްލި ރެފިއުޖީންނަށް ކެނެޑާއިން މަރުހަބާ!

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ބޯޑަރު ރެފިއުޖީންނަށް ބަންދުކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ކެނެޑާއިން ރެފިއުޖީންނަށް މަރުހަބާ ކިޔައިފިއެވެ.

'އިސްލާމިކް ޓެރަރިޒަމް' ހުއްޓުވުމުގެ ނަމުގައި ޓްރަމްޕް ފެށި ކެމްޕެއިނުގައި 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށް، އިއްޔެ ވަނީ ސީރިޔާގެ ހަނގުރާމައިން ސަލާމަތްވުމަށް އަންނަ ރެފިއުޖީން އެގައުމަށް ވަނުން މަނާކޮށްފައެވެ.

މީގެއިތުރުން ޓްރަމްޕް ވަނީ ކުރިއަށް އޮތް ހަތަރު މަސް ދުވަހަށް އެގައުމުގެ ރެފިއުޖީ ޕްރޮގްރާމްވެސް ހުއްޓާލުމަށް އަމުރުކޮށްފައެވެ. ޓްރަމްޕުގެ މިހަރުކަށި ނިންމުމާއި ގުޅިގެން ރެފިއުޖީންނަށް އެގައުމުން ބަންދު ކުރި ދޮރު އަވައްޓެރި ކެނެޑާ ވަނީ އެގައުމުގެ ދޮރު ހުޅުވައި ރެފިއުޖީންނަށް މަރުހަބާ ކިޔާފައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހަނގުރާމައާއި ބިރުވެރިކަމުން ސަލާމަތްވުމަށް އަންނަ ކޮންމެ ރައްޔިތތަކަށް ކެނެޑާއިން މަރުހަބާ ކިޔާނެކަމަށެވެ.

ޓްރަމްޕުގެ ރެފިއުޖީންނަށް ފުރަގަސްދޭ ސިޔާސަތާއި ގުޅިގެން އިއްޔެގެ ވަގުތެެއްގައި އިރާނުން ވަނީ އެމެރިކާ ރައްޔިތުން އެގައުމަށް ވަނުން މަނާކުރުމަށް އަމުރު ނެރެފައެވެ.

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލީޑަރުން ވަނީ ޓްރަމްޕުގެ މިނިންމުމަށް ސީދާގޮތުން އަދި ނުސީދާގޮތުން ފާޑުކިޔާފައެވެ.