ދިހަ އަހަރުން ދަށުގެ ދޮން ދެ ދަރިއަކަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުގައި ހިތަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލުމާތު ލިބިފައިވާ ގޮތުގައި ރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އިބްރާހިމް އަލީ (57އ)، ސޫރިއާވިލާ، ސ.ހިތަދޫ އެވެ.
އިބްރާހިމް އަލީ ރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ އޭނާގެ ދޮން ދެދަރިންނަށް ތަފާތު ފަހަރުމަތިން ޖިންސީ ގޯނާކުރާ ކަމުގެ ޝަކުވާ ލިބިގެންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ޖިންސީގޯނާ ކޮށްފައިވަނީ 6 އަހަރާއި 8 އަހަރުގެ ދެ އަންހެން ކުދިންނަށެވެ.
މި މައްސަލަ ހިތަދޫގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅި ބަލަމުންދާކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫލައިވަށް އެގިފައިވާ ގޮތުގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ ދެކުދިންނަކީ އޭނާ މިހާރު އިނދެގެން އުޅޭ ފުވައްމުލަކު އަންހެނުންގެ ދެކުދިންނެވެ. އަދި މިހާރު އެ ދެކުދިން ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައިއެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.