މޫނު ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވައިދޭން އައިސްގެން ނުވާނެ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީއިން ޓީޗަރަކަށް އިންޒާރު ދީފިއެވެ.
އެޑިއުކޭޝަނުން މިގޮތަށް އަންގާފައި ވަނީ، އއ. މަތިވެރި ސްކޫލުގައި ކިޔަވައިދޭ ޕްރައިމަރީ ޓީޗަރެއް ކަމުގައިވާ އާއިޝަތު ޝުޒީ އަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ލީގަލް އޮފިޝަރ ހުސައިން މުހައްމަދު ހަނީފް ސޮއި ކުރައްވާ އެ ސްކޫލަށް ފޮނުވާފައިވާ ފެކްސް މެސެޖްގައި ވަނީ އާއިޝަތު ޝުޒީ "ކާކުން އެނގޭ ގޮތަށް" ސްކޫލަށް އައުމަށް އަންގާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ފޮނުވި ފެކްސް މެސެޖްގައި ބުނެފައިވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި “ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފެކްސް މެސެޖާއި ގުޅިގެން މަތިވެރި ސްކޫލްގެ ފަރާތުން ޝުޒީ އަށް އަނގަބަހުން ނަސޭހަތް ދިން ކަމަށް ވެއެވެ.