Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މޫނު ބުރުގާ އެޅުން މަނާ ކުރާ ޤަވާއިދަކީ ބާތިލް އެއްޗެއް: ޑރ. އިޔާޒް

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން މަސައްކަތަށް ނިކުތުން މަނާ ކުރާ ޤަވާއިދަކީ، ބާތިލް އެއްޗެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 ގައި “ސިވިލް ސާވިސް މަސައްކަތުގައި މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތް” ބަޔާންކުރާ ޗެޕްޓަރ 14 ގެ 145 ވަނަ މާއްދާގެ (ހ)ގައި ބުނަނީ “ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަމަލާތް ކުރާ ފަރާތަކަށް އެމީހަކު ފާހަގަކޮށް އެނގެންޖެހޭތީ، ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން އެނގޭފަދަ ގޮތެއްގައެވެ”

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ޑރ. އިޔާޒް ވިދާޅުވި ގޮތުގައި، އިސްލާމީ ޝަރީޢަތާއި ޚިލާފް އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއް ނުހެދޭނެ ކަމަށް ރާއްޖޭގެ ޤާނޫނު އަސާސީ ވެސް ބުނާ ކަމަށެވެ. އެހެން ކަމުން ސިވިލް ސާވިސްގެ ޤަވާއިދަކީ ބާތިލް އެއްޗެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"އައުރަ ނިވާ ނުކޮށް ހެދުން ތުރުކުރައްވައިގެން އޮފީސްތަކަށް ވަޑައިގަންނަވާ އިރުގައި ވެސް މައްސަލައަކަށް ނުވެފައި، ނިވާ ކޮށްގެން ދާ ޓީޗަރ އަށް ހުރަސް އެޅުމަކީ ބޮޑު މައްސަލަ އެއް. އެއީ މި ސަރުކާރުގެ ލާދީނީ ކަމުން ވާ ގޮތް."

ޑރ. އިޔާޒް ވިދާޅުވި ގޮތުގައި މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ ޝިޢާރެއް ކަމަށާއި އިސްލާމް ދީނުގެ ބައެއް ޢިލްމުވެރިން މޫނު ބުރުގާ އެޅުމަކީ ވާޖިބް ކަމެއް ކަމުގައި ދެކިލައްވާ ކަމަށެވެ.

އއ. މަތިވެރި ސްކޫލްގައި މަސައްކަތް ކުރައްވާ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަށް ކިޔަވައިދޭން އައިސްގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ، އެ މުވައްޒަފަށް އަންގާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާއި ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިން ގެންދަވަނީ، އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.