Last Updated: July 16, 13:28
Wednesday, July 16, 2025
ވިޔަފާރި

ޝީޝާގެ ވެބްސައިޓް ހޮންޑާ މޯލްޑިވްސް ލޯންޗްކޮށްފި

ކަސްޓަމަރުންނަށް ފަސޭހަ އެތައް ހިދްމަތް ތަކާއި އެކު ޝީޝާއިން ހޮންޑާ މޯލްޑިވްސް ވެބްސައިޓް މިއަދު ލޯންޗްކޮށްފިއެވެ.

މިއަދު މެންދުރުފަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ބޯލް ރޫމްގައި ‎‎ބޭއްވި ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ޝީޝާ ކުންފުނީގެ ބޯޑު ތިން ޑައިރެކްޓަރަކުން ކަމަށްވާ ޗެއާމަން އަހްމަދު ހަސަން މަނިކު، ސީއީއޯ އިބްރާހިމް ހުޝާމް އަދި ޑިރެކްޓަރު ހުސައިން ހުޝާމެވެ.

ރާއްޖޭގެ އެންމެ މަގްބޫލް ސައިކަލް ބްރޭންޑް ހޮންޑާގެ ވެބްސައިޓް މިއަދު ލޯންޗްކުރި އިރު މި ވެބްސައިޓް ފަރުމާކޮށްފައިވަނީ ހޮންޑާގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށް ބަލައިގެންނެވެ.

ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން ވިދާޅުވީ ޝީޝާއިން ހޮންޑާގެ 10 މޮޑެލްއެއްގެ ސައިކަލު ވިއްކަމުން އަންނަ އިރު ސައިޓް މެދުވެރިކޮށް ހުރިހާ ސައިކަލަކާއި، އެ ސައިކަލާއި ގުޅޭ މައުލޫމާތުގެ އިތުރުން، އެ ސައިކަލް ވިއްކަމުންދާ އަގާއި، އިންސްޓޯލްމެންޓް އަގު އެގިގެންދާނެކަމަށެވެ.

މީގެ އިތުރުން ކަސްޓަމަރު ބޭނުންވާ ކުލައެއްގެ ސައިކަލް ބުކް ކުރުމުގެ އިތުރުން އެއް ސައިކަލާއި އަނެއް ސައިކަލާއި ކޮމްޕެއާކޮށް އެ މައުލޫމާތު ފޭސްބުކް އަދި ޓްވިޓާގައި ޝެއާ ކުރެވޭނެއެވެ.

ޖުމާން ވިދާޅުވީ އިންސްޓޯލްމެންޓަށް ސައިކަލް ނަގަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމް ފުރުމަށްފަހު ސައިކަލް ބުކިން ހެދޭނެ ކަމަށެވެ.

"މި ސައިޓްގެ ފީޗާތަކަށް ބަލާއިރު "އެކްސް ބައިކްސް" އިންކުރިން ބޭނުންކޮށްފައިވާ ސައިކަލް ތައް ލިބެން ހުންނާނެ، އެސައިކަލްތަކުގެ ފުރިހަމަ މައުލޫމާތު އެކްސް ބައިކްސްއިން ލިބޭނެ، މީގައި ހުންނާނީ އަޅުގަނޑުމެންގެ މެކޭނިކުން ބަލައި، ސެޓިފައި ކޮށްފައި ހުންނަ ސައިކަލުތައް. އޭގައި ހިމެނޭނެ ސައިކަލް ދުވެފައިވާ މައިލޭޖް ފަދަ މުހިއްމު މައުލޫމާތު"

ޝީޝާއިން ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލް ވިއްކަމުން އަންނަތާ 29 އަހަރު ވަނީ ވެފައެވެ. މިދިގު މުއްދަތުގައި އެކުންފުނިން ވަނީ ފެންވަރު ރަނގަޅު ، އަވަސް ހިދްމަތް ކަސްޓަމަރުންނަށް ފޯރުކޮށްދީ ދިވެހިންގެ އިތުބާރު ހޯދާފައެވެ.