މެންޗެސްޓާ ޔުނައިޓެޑުގެ 32 އަހަރުގެ ޖަރުމަނުގެ މިޑްފީލްޑަރު ޓީމާއި ވަރަށް ބޮޑަށް ބާކީވެ ހުރުމަށްފަހު މިރޭ ކުޅޭ އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުގައި ވިގަން އެތްލެޓިކްއާއި ދެކޮޅަށް ކުޅުމަށް ފުރަތަމަ އެގާރައިން ކޯޗު މޮރީނިއޯ ޖާގަ ދީފިއެވެ.
Here's the #MUFC team to face Wigan… pic.twitter.com/M1FFYF3Ikn
— Manchester United (@ManUtd) January 29, 2017
މޮރީނިއޯ ކުލަބާއި ހަވާލުވުމަށްފަހުގައި ޝްވެއިނީ ބޭނުން ނުވާ ކަމަށް ވަރަށް ބޮޑަށް އަޑު ފެތުރުނު ނަމަވެސް މޮރީނިއޯ ވަނީ އޭނާ ވިއްކާނުލައި ޓްރެއިނިންގ ގައި ބައިވެރިކޮށް ފަހަކަށް އައިސް ސްކޮޑުގައި ހިމަނަން ފަށާފައެވެ.
އޭނާ އޯލްޑް ޓްރެފޮޑްއަށް އައި ދުވަހުން ފެށިގެން ޝްވެއިންސްޓައިގާ ވެފައިވަނީ ސަޕޯޓަރުންގެ ލޯބި ވަރަށް ބޮޑަށް ލިބުނު ކުޅުންތެރިޔަކަށެވެ. އެހެންކަމުން އޭނާއަށް ފުރުސަތު ނުދީ ބާކީކޮށްލުމުން ސަޕޯޓަރުން ވަނީ އެކަމާއި ހިތްހަމަ ނުޖެހިގެން ވަރަށް ބޮޑަށް ސޯޝަލް މީޑިޔާގައި މޮރީނިއޯގެ ނިންމުމަށް ފާޑުކިޔާފައެވެ.
ނިމިގެން ދިޔަ ވޯލްޑް ކަޕުގެ ޗެމްޕިއަން ކަން ނެގި ޖަރުމަނު ޓީމުގައިވެސް މުހިއްމު ރޯލެއް އަދާކުރި ޝްވެއިންސްޓައިގާއަކީ އޭނާ ކުޅޭ މިޑްފީލްޑް ރޯލުގައި މުޅި ގޭމް ކޮންޓްރޯލް ކުރާ ކުޅުންތެރިޔެކެވެ.
ޝްވެއިނީގެ އެނބުރި އައުން ސަޕޯޓަރުން ވަރަށް ބޮޑަށް އުފާކޮށް މިރޭގެ މެޗަށް އިތުރު ޖޯޝެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން މިރޭގެ މެޗުގައި ކުޅުމަށް ނެގި ސްކޮޑުގައި ޒުވާން ކުޅުންތެރިޔާ އެކްސެލް ޓުޒާންބޭއަށް ވަނީ ބެންޗުން ޖާގައެއް ދީފައެވެ. ނަމަވެސް ފޯވާޑް އިބްރަހިމޮވިޗަށް މިރޭގެ މެޗުން ވަނީ ރެސްޓެއް ދިނުމަށްފަހު ބެންޗުގައި ބަހައްޓާފައެވެ.