އިނގިރޭސި އެފްއޭ ކަޕުގެ 4 ވަނަ ބުރުގައި ރޭ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ވިގަން އެތްލެޓިކް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-4 އިން ޔުނައިޓެޑު ކުރި ހޯދައިފިއެވެ.
މެޗުގައި ޓީމުގެ ގިނަ އަދަދެއްގެ ސީނިއާ ކުޅުންތެރިންގެ ބައިވެރިވުމާއި ނުލާ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން ފެނިގެން ދިޔައީ އާދައިގެ ކުޅުމެކެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޝްވެއިންސްޓެއިގާ ނަގައިދިން ހުރަހަކުން މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މެރުއޮން ފެލައިނީއެވެ.
ފުރަތަމަ ހާފާއި ހިލާފަށް ޔުނައިޓެޑުން ވަނީ ދެވަނަ ހާފުގައި ބޯޅަ އަވަސްކޮށް ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެންތޮނީ މާޝިއަލް ނަގައިދިން ހުރަހެއް ހުށިޔާރުކަމާއެކު ޑިފެންޑަރު ކްރިސް ސްމޯލިން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ޔުނައިޓެޑުގެ ތިންވަނަ ގޯލު ކައުންޓާ އެޓޭކަކުން ތަނަވަސްކޮށްފައިވާއިރު މިގޯލު ޖަހާފައިވަނީ ހެންރިކް މިޚިތަރިޔާންއެވެ. އޭނާ ވަނީ މިގޯލު ޖެހުމުގައި ވަރަށް ބޮޑު ރޯލެއް އަދާކޮށްފައެވެ. ފަހު ފެނިފައިވަނީ ގޯލު އަހަރަކަށް ވުރެ ގިނަ ދުވަސް ފުރަތަމަ އެގާރައިން ޖާގައެއް ލިބިފައި ނެތި، މިރޭ ކުޅެން ނިކުތް ބަސްޓިއަން ޝްވެއިންސްޓައިގާގެ ފަރާތުންނެވެ.
މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ ބުނެފައިވަނީ ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިއީ އޭނާގެ ޓީމުގެ ފަރާތުން އޭނާ ބޭނުންވި ނަތީޖާ ކަމަށް ވާތީ ވަރަށް އުފާވެފައިވާ ކަމަށް މޮރީނިއޯ ބުނެފައިވެއެވެ.

މެޗުގެ ކުރިން ޔުނައިޓެޑުން ވަނީ ކުލަބުގެ ރެކޯޑް ގޯލް ސްކޯރާ، ވޭން ރޫނީއަށް ރަން ބޫޓު އަރުވާފައެވެ. މި ޓްރޮފީ ރޫނީއާއި ހަވާލުކޮށްފައިވަނީ ކުރީގެ ރެކޯޑް ސްކޯރާ، ސާ ބޮބީ ސާލްޓަންއެވެ.