Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ކައުންސިލްގެ މިސްރާބު އާ އަމާޒަކަށް

ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ކައުންސިލް މީޑިއާ

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ގާބިލް އަދި ފަންނީ މުވައްޒަފުންތަކަކަށް ހެދުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.

2017 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ތަމްރީން ފޯވަހި ފެށުމާއި ފެންވަރު ބެލުމުގެ ފޯވަހި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފޅު ދައްކަވަމުން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަކީ ޓެކްނޮލޮޖީ އަޢި ރައްޓެހި ގާބިލް މުވައްޒަފުން ތަކަކަށް ހެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ތަނެއް ކުރިއަރައިދާނީ އެތަނެއްގެ އިންސާނީ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބިނާކުރެވި ތަރައްޤީ ކުރެވިގެން" މޭޔަރ ވިދާޅުވިއެވެ." އަޅުގަނޑުމެންގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީ އަށް ފައިހަމަކުރެވޭ ހޭލުންތެރި ޓީމަކަށް އަޅުގަނޑުމެންގެ ޓީމް ހެދުން."

މޭޔަރ ވިދާޅުވީ، ކައުންސިލްގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ، އަހަރު ނިމިގެންދާއިރު ކައުންސިލްގެ އިދާރާގެ ޓީމުގައި ހިމެނޭ ކޮންމެ މުވައްޒަފަކީވެސް އެންމެ މަދުވެގެން 12 ގަޑިއިރުގެ ތަމްރީން ފުރިހަމަކޮށްފައިވާ މުވައްޒަފަކަށް ހެދުމެވެ.

ޒިންމާދާރުވެރިޔާ މުހައްމަދު ސަޢުދީ ހަސަން ވިދާޅުވީ، އޮފީހުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުވައްޒަފުންގެ ފެންވަރާއި ހުނަރު އަދި ޤާބިލްކަން އިތުރުކުރަން ޖެހޭ ކަމުގައެވެ. ސަޢުދީ ވިދާޅުވީ، ކައުންސިލުން މިއަހަރު ކުރިއަށް ގެންދަން ރާވާފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން އެކިއެކި ފަންތީގެ މުވައްޒަފުންނަށް މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ތަމްރީން ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމުގައެވެ.

މުވައްޒަފުން ތަމްރީން ކުރުމަށް 20 ޕްރޮގްރާމެއް މިއަހަރު ކައުންސިލުން ހިންގާނެއެވެ. އޭގެ ތެރޭގައި، ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިކުރުވުން، މޯޓިވޭޝަން، އޮފީސް ދިވެހި، އިންޓަރވިއު ޕެނަލިސްޓް ޓްރެއިނިންގ، އިންގްލިޝް ފޮރ އޮފީސް އެޑްމިނިސްޓްރޭޝަން، ލިޑަރޝިޕް ސްކިލްސް ފޮރ އެގްޒެކެޓިވްސް، ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް، އެޑްވާންސްޑް ކޮމްޕިއުޓަރ ސްކިލްސް، ކޮންފްލިކްޓް މެނޭޖްމަންޓް ފަދަ ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.

ކައުންސިލުން އާ އަމާޒަކަށް މިސްރާބު ހިފާފައިވާއިރު، ވޭތުވެދިޔަ އަހަރު ކައުންސިލުން ވަނީ ތަރައްޤީގެ މަގުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. މިގޮތުން ވިޜަން އައްޑޫ ހެދުމުގެ މަސައްކަތާއި، ކުރިއަށް އޮތް ފަސްއަހަރުގެ ޑިވެލޮޕްމަންޓް ޕްލޭންވަނީ ހަދާފައެވެ. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އެކުލެވޭގޮތަށް "އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ" ވަނީ އުފައްދަވާފައެވެ. އަދި އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ވަނީ ގާއިމުކުރެވިފައެވެ.