ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު އެއް ބިލިޔަން ރުފިޔާގެ ފައިދާއެކު ރެކޯޑު އަދަދެއް ހާސިލުކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ބޭންކަށް ލިބުނު ފައިދާ 281.8 މިލިއަން ރުފިޔާއާއެކު މުޅި އަހަރު ބޭންކަށް ލިބުނު ފައިދާ 1.03 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %56 ކުރިއެރުމެކެވެ.
ބޭންކަށް ލިބުނު މިކާމިޔާބީއާއި ގުޅިގެން ސީއީއޯ އެންޑްރިއު ހީލީ ވިދާޅުވެފައިވަނީ މިއީ ބޭންކުގެ މުވައްޒިފުންގެ ބުރަ މަސައްކަތުން ހާސިލުވި ކާމިޔާބީއެއް ކަމަށެވެ. ބުރަ އަހަރަކަށް މިދިޔަ އަހަރު ވެފައިވި ނަމަވެސް މުވައްޒިފުން ވަނީ ވަރުބަލި ކަމެއް ނެތި ކަސްޓަމަރުންގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށް ގޮސްފައިކަމަށް ހީލީވަނީ އިތުރުކޮށްފައެވެ.
ރެކޯޑު ފައިދާއެއް ލިބި ބޭންކުން ވަނީ ޚިދުމަތްތައް ފުޅާ ކުރުމަށް ނިންމާފައެވެ. އެގޮތުން އިތުރު 150 ވަޒީފާގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާއިރު އޭގެތެރެއިން 75 ވަޒީފާ އަތޮޅުތެރޭގެ ބްރާންޗުތަކަށް ހުޅުވައި، ބާކީ ވަޒީފާގެ ފުރުސަތު މާލެ ހިމެނޭ ބްރާންޗުތަކަށް ހުޅުވުމަށް ނިންމާފައިވެއެވެ.
މީގެ އިތުރުން އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި އިތުރު 20 އޭޓީއެމް ބެހެއްޓުމަށް ބޭންކުން ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި 10 ސީއެސްއާރު ޕްރޮގްރާމް ހިންގުމަށްވެސް ބޭންކުން ދަނީ ތައްޔާރުވަމުންނެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުޅި އެކު 31 ބްރާންޗު ގާއިމުކޮށްފައެވެ. 78 އޭޓީއެމް 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓްވެސް ވަނީ ގާއިމްކުރެވިފައެވެ.