އިނގިރޭސި ކުލަބު ވެސްޓް ހެމް ޔުނައިޓެޑުން ކުލަބުގެ އެންމެ އަގުހުރި ކުޅުންތެރިޔާ، ޑިމީޓްރީ ޕަޔެޓް އޭނާގެ ކުރީގެ ކުލަބު އޮލިމްޕިކް ޑި މާސޭ އަށް 25 މިލިއަން ޕައުންޑުގެ އަގަކަށް ވިއްކާލައިފިއެވެ.
ޕަޔެޓް ވިއްކާލާފައިވަނީ މިމަހު ކުރީކޮޅު ކުލަބުގެ ކޯޗު، ސްޓީވެން ބިލިކް ތަކުރާރުކޮށް އޭނާ ނުވިއްކާނެ ކަމަށް ބުނެފައިވަނިކޮށެވެ. ކުލަބުން ނެރުނު ބަޔާނެއްގައި ވަނީ ޕަޔެޓް މިހާރު ކުލަބުގައި ކުޅުމަށް ބޭނުންނުވާ ކަމަށް ވާތީ އޭނާ ވިއްކާލީކަމަށެވެ.
ކުލަބުގެ ޗެއާމަން ޑޭވިޑް ސަލިވަން ބުނެފައިވަނީ ޕަޔެޓް ދިއުމުން އޭނާ ދެރަވާ ކަމަށެވެ. ނަމަވެސް ކުޅެން ބޭނުންނުވާ ކުޅުންތެރިޔަކު ބެހެއްޓުމަކީ އޭނާ އެދޭކަމެއް ނޫން ކަމަށެވެ.
"ފައިސާގެ ގޮތުން ކުލަބަށް އެއްވެސް ކުޅުންތެރިޔަކު ވިއްކުން މުހިއްމެއް ނޫން. އެހެންނަމަވެސް ކުޅުންތެރިޔާ ކުޅެން ބޭނުންނުވުމަކީ ވަކި ކަމެއް. މިކުލަބު އެންމެ ކުޅުންތެރިޔަކަށް ބަރޯސާ ނުވާނެ. ކުރިއަށް އޮތް ތަނުގައި ވާނީ ވަރުގަދަ" ސަލިވަން ބުނެފައިވެއެވެ.