Last Updated: May 8, 02:23
Wednesday, May 8, 2024
ރިޕޯޓް

ސްޕީޑް ބްރޭކަރު އަޅަނީ އެކްސިޑެންޓް މަދުކުރަންތަ؟

އައްޑޫ ސިޓީގެ ތާރު އަޅާފައިވާ މަގުތަކުގައި އެކްސިޑެންޓު މަދުކުރުމަށް ސްޕީޑު ބްރޭކަރު އެޅިފައިވާއިރު މީގެ ސަބަބުން ރައްޔިތުންނަށް އިތުރު އަނިޔާއެއް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފޮޓޯއިން ފެންނަ ސްޕީޑު ބްރޭކަރަކީ ހިތަދޫގެ އުތުރު ދާއިރާގެ މަގެއްގައި އަޅާފައިވާ ސްޕީޑު ބްރޭކަރެކެވެ. މި ބްރޭކަރު އަޅާފައި މިވަނީ ދިލްޝާދު ކުލިނިކާއި ދިމާލުން ބޮޑު ފެންގަޑެއް ހެދިފައި އޮންނަ ތަނެއްގައެވެ. އެތަނުގައި ފެން ގަޑު އޮންނަ އިރު އެތަނުގައި ބްރޭކަރެއް އޮންނަ ހެން ހީވެސް ނުވެއެވެ.

މީގެ ކުރިންވެސް މި ބްރޭކަރު ހަމަ މިތަނުގައި އަޅައި، ވިއްސާރަ ވުމާއި ގުޅިގެން ފެންގަނޑު ހެދި، މަގުން ދަތުރުކުރާ މީހުންނަށް ބްރޭކަރު ނުފެންނަ ހިސާބަށް ދިއުމުން ބްރޭކަރު ވަނީ ނެގިފައެވެ.

ބްރޭކަރު އެޅުމަށްފަހު އެއިން ބައިތައް ނެއްޓެން ފެށުމުން އެއްކޮށް ނަގައި، މިފަހަރު މަގު ކެނޑުމަށްފަހު ސިމެންތި ލޭޔަރެއްގެ މަތީގައި ބްރޭކަރު އަޅާފައިވާއިރު މިބްރޭކަރުވެސް ހަމަ މިތަނުގައި އަނެއްކާވެސް ވަނީ އަޅާފައެވެ.

މިހިސާބުގައި ދިރިއުޅޭ ރައްޔިތަކު "އައްޑޫލައިވް" މައުލޫމާތު ދެމުން ބުނީ ބްރޭކަރު މިތަނުގައި އެޅުމުގެ މަސައްކަތް ފެށި ދުވަހު އޭނާ ވަނީ އެތަނުގައި މަސައްކަތް ކުރި މީހުން ގާތު އެތަނުގައި ބްރޭކަރު އެޅުމުން ލިބިދާނެ ގެއްލުމުގެ ވާހަކަ ހިއްސާ ކުރި ކަމަށެވެ. ނަމަވެސް މަސައްކަތު މީހުންގެ ޖަވާބަކަށް މިއީ ބްރޭކަރު އެޅުމަށް އެމީހުނަށް އަންގާފައިވާ ތަން ކަމުގައެވެ. މައްސަލަ ޖައްސަން އެމްއާރުޑީސީއަށް ގުޅުމަށް ބުނި ކަމަށްވެސް ކަންބޮޑުވެގެން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އެމްއާރުޑީސީގެ ބަހެއް ހޯދުމަށް ގުޅުމުން އެތަނުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވެފައިވަނީ ބްރޭކަރު އަޅާފައިވަނީ ކުރަން ޖެހޭ ދިރާސާތަކާއި ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ބްރޭކަރު އަޅާތަން ބަދަލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ދިރާސާ ކުރި ފަރާތުން ކުރި ދިރާސާއަށް އިހުތިރާމު ކުރާ ހާލު، މިބްރޭކަރު މިތަނުގައި އޮތް ކަން ނޭނގި ދަތުރުކުރާ ފަރާތަކަށް ބްރޭކަރުގެ ސަބަބުން ވެއްޓި ލިބޭ އަނިޔާއަކީ ކޮން ފަރާތަކުން ޒިންމާ ވާނޭ ކަމެއްތޯއެވެ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތާރު އެޅި މަގުތަކުގައި ސްޕީޑް ބްރޭކަރު އަޅައި މަސައްކަތް ވަނީ ނިންމާލާފައެވެ. ސްޕިޑް ބްރޭކަރުގައި ރިނދޫ އަދި ކަޅު ކުލައިން ކުރަހާފައި ހުރި ނަމަވެސް ހިރަފުސް އަރައި އެ ބްރޭކަރުގެ ކުލަތައް ވަނީ އަޅި ކުލައަށް ބަދަލުވެފައެވެ.

އެހެންވެ ބައެއް ފަރާތްތަކަށް ބްރޭކަރު މަތިން މަޑު ނުކުރެވި ދާތަން ވެސް ފެނެއެވެ. އެންމެ ކުޑަމިނުން ބްރޭކަރު އަޅާ ނިންމި އިރު ބްރޭކަރެއް ކަން އަންގައިދޭ ނިޝާނެއް ވެސް ޖަހާ ނުލެވުނެވެ.

އެކްސިޑެންޓް މަދު ކުރުމަށް އެޅި ސްޕީޑް ބްރޭކަރަކަށް އަރައި މީހަކަށް އަނިޔާވުމުގެ ކުރިން މިކަންކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވިސްނަ ފިޔަވަޅެއް އަޅަން އެބަޖެހެވެ.

މިތަނުން ދަތުރުކުރާ ފަރާތްތަކަށް "އައްޑޫލައިވް" ގެ ފަރާތުން އިތުރު ސަމާލުކަމެއް ބަހައްޓައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރަމެވެ.