މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 643 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އެގޮތުން 2016 ވަނަ އަހަރު އެކުންފުނީގެ ސާފު ފައިދާ ވަނީ 2015 ވަނަ އަހަރަށްވުރެ 15 އިންސައްތަ މައްޗަށް ގޮސްފައެވެ.
2016 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް މުޅި އެއަހަރު ތެރޭގައި ދިރާގަށް ވަނީ 2.5 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2015 އަށްވުރެ 226 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ހަމަ އެއާއިއެކު 2016 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 840 މިލިއަން ލިބިފައިވާއިރު، އެއީ 2015 އަށްވުރެ 16 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު އެކުންފުންޏަށް އެހާ ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ ދިރާގުގެ ތްރީޖީ، ފޯޖީ އަދި ފައިބާ ނެޓްވޯކް އިތުރަށް ހަރުދަނާ ކުރުމުގެ މަޤްސަދުގައި ކުރެވުނު މުހިންމު އިންވެސްޓްމެންޓް ތަކާއި އެކުންފުނިން ތަޢާރަފް ކުރި ޕެކޭޖުތައް ކަސްޓަމަރުން ބޭނުންވާނެ ފަދަ ގޮތަކަށް ފަރުމާ ކުރަން ކުރެވުނު މަސައްކަތުގެ ސަބަބުން ކަމަށް ދިރާގުން މަޢުލޫމާތު ދެއެވެ.
ދިރާގުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކަސްޓަމަރުންގެ އެންމެ ތަރުހީބު ލިބޭ އެއް ޚިދުމަތް ކަމަށްވާ އިންޓަނެޓްގެ ޚިދުމަތް އިތުރަށް ފުޅާ ކޮށްފައެވެ. ހަމަ އެއާއިއެކު މިހާރުވެސް އެކުންފުނިން ދަނީ އެކުންފުނީގެ ހުރިހާ ޚިދުމަތެއްވެސް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު ކަސްޓަމަރުންނަށްޓަކައި ވަރަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދެވިފައި ވީނަމަވެސް، އެކަންތައް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސާ ރޮބިން ވިލްސަން ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.
އެގޮންޖެހުންތަކުގެ ތެރޭގައި ޑީޑޮސް އެޓޭކްތަކުގެ ސަބަބުން ދިމާވި ދަތިތައް ހިމެނެއެވެ. އެހެންނަމަވެސް އެމައްސަލަ ހައްލު ކޮށް އިތުރަށް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިލްސަން ވިދާޅުވިއެވެ.
ދިރާގުން މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގެ ތެރޭގައި ކުރި އެންމެ މުހިންމު މަސައްކަތްތަކީ ޕާލޭއާއި ބީމް އާއި ގުޅިގެން ޕްލާސްޓިކް ކޮތަޅާއި ފުޅި ބޭނުން ކުރުން މަދު ކުރުމުގެ މަޤްސަދުގައި "ފޯ ދަ އޯޝަންސް" ނަމަކަށް ކިޔާ ޕްރޮޖެކްޓް ލޯންޗް ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.