Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ކެނެޑާގެ މިސްކިތަކަށް ދިން ހަމަލާއެއްގައި ހަ މީހުން މަރުވެއްޖެ

ފޮޓޯ: އީޕީއޭ

ކެނެޑާގެ ކުބެކް ސިޓީގެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާއެއްގައި ހަމީހުން މަރުވެ އިތުރު އަށް މީހުންނަށް އަނިޔާވެއްޖެ ކަމަށް އެޤައުމުގެ ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބަޑީގެ ހަމަލާތައް ދީފައި ވަނީ ކުބެކް އިސްލާމިކް ކަލްޗުރަލް ސެންޓަރަށެވެ. އެވަގުތު އިޝާ ނަމާދު ކުރުމަށްޓަކައި އެތަނުގައި 50 އަށްވުރެ ގިނަ މީހުން ޖަމާވެފައި ތިއްބެވެ.

އެހާދިސާ ހިނގި ތަނުން ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ އެކަކު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި އެމިސްކިތާއި ކައިރިން އިތުރު އެކަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހަމަލާގެ ފަހަތުގައި އިތުރު މީހުން ވާކަމަށް ފުލުހުން ނުދެކެއެވެ.

ކެނެޑާގެ ކަމާއިބެހޭ ފަރާތްތަކުން ޤަބޫލު ކުރަނީ އެހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މުސްލިމުންނަށް އަމާޒްކޮށް އަޅުކަމުގައި ތިއްބާ ދިން އެޓެރަރިސްޓް ހަމަލާ ކުށްވެރި ކުރާކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެފައި ވެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 35 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން ކަމަށް ފުލުހުންގެ ތަރުޖަމާނު ކްރިސްޓީން ކޫލޯމްބް ވިދާޅުވި ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ. އަދި އަނިޔާވި ބައެއް މީހުންގެ ޙާލު ސީރިއަސް ކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.

ފުލުހުން ބުނާ ގޮތުގައި އެސަރަޙައްދު މިހާރު ވަނީ ރައްކާތެރި ކޮށްފައި ކަމަށާއި އެމައްސަލަ ވަނީ ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައި ކަމަށެވެ. އަދި 39 މީހުން ރައްކާތެރިކަމާއި އެކީ އެމިސްކިތުން ދިޔަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ އަހަރުވެސް އެމިސްކިތަށް ވަނީ ހަމަލާއެއް އަމާޒް ކޮށްފައެވެ. އެގޮތުން މިސްކިތުގެ އިމާރާތް ކުރިމަތީގައި "ބޮން އެޕެޓީ" (މިރު ކެއުމަކަށް އެދެން) ލިޔެފައި އޮތް ކާޑަކާއި އެކު އޫރެއްގެ ބޯ އެއްލާލާފައި އޮތެވެ.