Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އެސްއެޗްއެސްސީ ކުރީގެ އެމްޑީ ނޫރުގެ މައްސަލަ ޕީޖީ އަށް

ނޫރުﷲ ސައީދު.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބުނެ ސަދަން ހެލްތު ސާވިސް ކޯޕަރޭޝަން (އެސްއެޗްއެސްސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރަން އެދި އޭސީސީން ޕްރިސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

އޭސީސީން މިކަން ހާމަކޮށްފައި ވަނީ އެސްއެޗްއެސްސީގެ ކުރީގެ އެމްޑީ ނޫރުﷲ ސައީދު ފޭދޫ ސިއްހީ މަރުކަޒުގައި މެނޭޖަރުގެ މަގާމު ނޯންނަ އިރު އަދި 2012 ވަނަ އަހަރުގެ ބަޖެޓްގައި އެ މަގާމުގެ މުސާރަ ހިމަނާފައި ނުވާ އިރު އެސްއެޗްއެސްސީ ފޭދޫ ސިއްހީ މަރުކަޒުގެ ލެބޯޓަރީ ޓެކްނޮލޮޖިސްޓަކަށް ހުރި ފަރާތަށް ޕްރޮމޯޝަން ދީ މެނޭޖަރަކަށް ހަމައްޖެއްސި މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ކަމަށެވެ.

އޭސީސީން ބުނީ އެ މުވައްޒަފަށް މެނޭޖަރުކަން ދީފައި ވަނީ ކޮން އުސޫލަކުންކަން ލިޔެކިޔުމުން އެނގެން ނެތް ކަމަށާއި އޭނާ މެނޭޖަރަކަށް ހަމަޖައްސައި މަރުކަޒު ހިންގުން ހަވާލު ކުރުމާ ގުޅޭ ގޮތުން އެސްއެޗްއެސްސީ ބޯޑްގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށެވެ.

އަދި ބުނީ އެ ނިންމުމަކީ ނޫރުﷲ ސައީދު އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށާއި އެހެންވެ ކޮރަޕްޝަން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުވާކޮށް ލެބޯޓަރީ ޓެކްނޮލިސްޓެއްގެ މުސާރައަށް ވުރެ އިތުރަށް 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް 10،639.18ރ. އެ މުވައްޒަފަށް ދީފައިވާތީ ނޫރުﷲ ގެ އަތުން އެ ފައިސާ ހޯދަން ނިންމީ ކަމަށެވެ.

މީގެ އިތުރުން މެނޭޖަރަކަށް ބަދަލު ކުރި މުވައްޒަފު ކުރިން ހުރި މަގާމަށް ކުރީގެ މުސާރައާއެކު ބަދަލު ކުރުމަށް އެސްއެޗްއެސްސީ އޭސީސީން އަންގާފަ އެވެ.

އޭސީސީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ބައެއް މަސައްކަތްތައް ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެސްއެޗްއެސްސީ ބޯޑުގެ ކުރީގެ ޑިރެކްޓަރެއްގެ ހިތަދޫ ބިންބިމާގެ އިބްރާހީމް ޞަބްރީގެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފަ އެވެ.