ދާދި ފަހުން ރެފިއުޖީންނަށް އެމެރިކާއަށް ނުވަދެވޭ ގޮތަށް ހެދި ޤާނޫނުގެ ސަބަބުން އަލަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވި ރައީސް ޑޯނަލްޑް ޓްރަމްޕް އަށް ވަނީ ގިނަ އަދަދެއްގެ މީހުންގެ ނުރުހުން އަމާޒު ވެފައެވެ. ހަމަ އެއާއިއެކު ޓްރަމްޕް އިނގިރޭސި ވިލާތަށް ކުރަން އޮތް ރަސްމީ ދަތުރު ހުއްޓުވުމަށް އެދި 1.3 މިލިއަން އަށްވުރެ ގިނަ މީހުން ވަނީ ޕެޓިޝަން އެއްގައި ސޮއި ކޮށްފައެވެ.
އެހެންނަމަވެސް ޑައުނިންގް ސްޓްރީޓް އިން ބުނެފައިވާ ގޮތުގައި ތެރީސާ މޭ ދަނީ ޓްރަމްޕް ޔޫކޭއަށް ޒިޔާރަތް ކުރާނެ ކަމުގެ އުންމީދު ކުރަމުން ކަމަށެވެ.
އެމެރިކާއިން ވަނީ ހަތް މުސްލިމް ޤައުމެއްގެ ރައްޔިތުން އެޤައުމަށް ވަނުން މަނާކޮށްފައެވެ. އެކަމުގެ ސަބަބުން ޔޫކޭގައި ޑުއަލް ސިޓިޒެންޝިޕް (ދެޤައުމަކަށް ނިސްބަތްވާ ރައްޔިތުން) އޮންނަ މީހުންނަށް އެއްވެސް އަސަރެއް ކުރާނެތޯ ނުވަތަ ނޫންތޯ ކަމާއިމެދު ވާހަކަ ދެއްކެވުމަށްޓަކައި ހޯމަ ދުވަހު ބޮރިސް ޖޯންސަން ޔޫކޭގެ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވާނެއެވެ.
ޓްރަމްޕް އިމިގްރޭޝަންގެ ޤަވާއިދަށް ގެންނެވި ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ރުޅިވެރިކަން ފާޅު ކޮށްފައެވެ.
އެމެރިކާގެ އެއާޕޯޓްތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިން އެމެރިކާއަށް އައުމުން ހައްޔަރު ކުރެވުނު މަންޒަރުވެސް ދުނިޔެ ވަނީ ބަލާފައެވެ.
ޓްރަމްޕްގެ އަމުރާއި ދެކޮޅަށް ޔޫކޭގެ ގިނަ އަދަދެއްގެ ސިޓީތަކުގައި މުޒާހަރާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ލަންޑަން، މެންޗެސްޓާ، ބްރިސްޓޯލް، ބްރައިޓަން، ލިވަޕޫލް، ލީޑްސް، ޝެފީލްޑް، ޔޯކް، އެޑިންގްބާގް، ކާޑިފް އަދި ސްވަންސިއާ ސިޓީ ހިމެނެއެވެ.
އެކަމާއި ބެހޭ ގޮތުން ބަކިންހަމް ޕެލެސްގެ ބަހެއް ލިބިފައި ނުވާ ކަމަށް ބީބީސީ އިން ރިޕޯޓް ކުރެއެވެ.
ޔޫކޭގެ ފޮރިން އޮފީހުން އާދިއްތަ ދުވަހު ބުނެފައިވާ ގޮތުން އެމެރިކާއިން މަނާކުރި ޤައުމްތަކާއި ރައްޔިތުކަން ހިއްސާ ކުރާ ޔޫކޭގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރު ކުރުމުގައި އެއްވެސް ހުރަހެއް ދިމާވެގެން ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ލަންޑަންގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ވަނީ މަނާކުރެވިފައިވާ ހަތް ޤައުމްތަކަށް ނިސްބަތްވާ އެއްވެސް ރައްޔިތަކު ނުވަތަ އެޤައުމްތަކާއި ރައްޔިތުކަން ހިއްސާ ކުރާ އެއްވެސް މީހަކު މިވަގުތު ވިސާއަށް އެދި ފޯމް ނުލުމަށް ބުނެފައެވެ.
ޓްރަމްޕް އާއި ދެކޮޅަށް ސޮއި ކޮށްފައިވާ މިޕެޓިޝަން އަކީ މިހާރު އިނގިރޭސި ވިލާތުގެ ސަރުކާރުގެ ވެބްސައިޓްގައި ޝާއިރު ކޮށްފައިވާ ދެވަނައަށް އެންމެ މަޤްބޫލު ޕެޓިޝަން އެވެ.