Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އެމެރިކާ މީހުން އިރާގަށް ދިއުން މަނާ ޤާނޫނެއް ފާސްކޮށްފި

ހަތް މުސްލިމް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރާ ޤާނޫނެއް ޑޯނަލްޑް ޓްރަމްޕް ފާސްކުރުމާއި ގުޅިގެން، އެމެރިކާގެ ރައްޔިތުން އިރާޤަށް ވަނުން މަނާ ކުރާ ޤާނޫނެއް އިރާޤުން ފާސްކޮށްފިއެވެ.

ޓްރަމްޕް މަނާކުރި މައިގަނޑު ހަތް މުސްލިމް ޤައުމްތަކުގެ ތެރޭގައި އިރާޤްވެސް ހިމެނެއެވެ.

އެހެންނަމަވެސް، އޭގެ ބަދަލުގައި މިހާރު އިރާޤުގެ ސިޔާސީ ވެރިން ވަނީ އެމެރިކާގެ ރައްޔިތުން އެމީހުންގެ ޤައުމަށް ވަނުން މަނާ ކޮށްފައެވެ.

އިރާޤްގެ ކާމިލް އަލް-ޣްރައިރީ އާއި މުޙައްމަދު ސާދޫން ވިދާޅުވި ގޮތުގައި އެގޮތަށް އެޤާނޫން ފާސްވެފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ވޯޓް ލިބިގެންނެވެ. އެހެންނަމަވެސް ވޯޓް ލިބުނު ސީދާ އަދަދު އަދި ނޭނގެއެވެ.

ހަމަ އެހެންމެ އެމެރިކާގެ މިލިޓަރީ މީހުންނާއި، މިނިވަން އަދި އެހީ ދިނުމުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ތެޔޮ ކުންފުނިތަކާއި އިރާޤްގައި ވިޔަފާރި ކުރާ އެމެރިކާ ރައްޔިތުންގެ ތެރެއިން އެޤާނޫން ތަންފީޒް ކުރެވޭނީ ކޮން ބައެއްގެ މައްޗަށް ކަމަށް އަދި ސާފެއް ނުވެއެވެ.

ޓްރަމްޕް ފާސްކުރި ޤާނޫނުގައި ވާގޮތުން އިރާޤް، ސީރިއާ، އިރާން، ސޫދާން، ލީބިޔާ، ސޯމާލިއާ އަދި ޔަމަންގެ ރައްޔިތުންނަށް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އެމެރިކާއަށް ދަތުރު ކުރުން މަނާ އެވެ. އަދި ހަމަ އެހެންމެ އެމެރިކާއިން ހިންގާ ރެފިއުޖީ ޕްރޮގްރާމްވެސް 120 ދުވަހުގެ މުއްދަތަކަށް ހުއްޓުމަކަށް ގެނެސްފައި ވެއެވެ.

އިރާންގެ ސީނިއާ ނައިބު ރައީސް ކަމަށްވާ އިޝާޤް ޖަހަންގިރީ ވިދާޅުވީ އެއީ ޣައިރު ޤާނޫނީ، ލާއިންސާނީ އަދި އިންސާނީ ޙައްޤުތަކާއި މުޅިން ޚިލާފު އަމުރެއް ކަމަށެވެ.