Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ލިވަޕޫލް އެއްވަރުވެ ޕޮއިންޓެއް ސަލާމަތްކޮށްފި

ކޮސްޓާ ޖެހި ޕެނަލްޓީ މިންގޮލޭ ސޭވް ކުރަނީ: ފޮޓޯ- މިރާ

އިނގިރޭސި ޕްރިމިއާ ލީގުގައި އެއްވަނައިގައި އޮތް ޗެލްސީއާއި ދެކޮޅަށް ލިވަޕޫލް ކުުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

ފާއިތުވެދިޔަ މެޗުތަކުގައި ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ލިވަޕޫލް ރޭގެ މެޗަށް ނިކުމެފައިވަނީ މޮޅެއް ހާސިލު ކުރުމަށެވެ. އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވެ ހަތަރުވަނަ މެޗަށް ވަރުގަދަ އަޒުމްތަކަކާއިއެކު ނިކުތް ނަމަވެސް ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޗެލްސީ ޑިފެންޑަރު ޑޭވިޑް ލުއިޒް ވަނީ ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލްގެ ގޯލު ފޫއަޅުވާލާފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 0-1 އިން ޗެލްސީ ކުރީގައި އޮވެގެނެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ލިވަޕޫލް އިން ވަނީ ގޯލެއް ކާމިޔާބުކުރުމަށް އިތުރަށް މަސައްކަތް ކޮށްފައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޖޭމްސް މިލްނާ އަރިމަތިން ބޮލުން އޭރިޔާ އެތެރަށް ފޮނުވި ބޯޅަ ވައިނަލްޑަމް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ލިވަޕޫލްގެ މިލަނޑަށް ފަހު ދެ ޓީމުވެސް ވަނީ އިތުރު ގޯލެއް ކާމިޔާބުކުރުމަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. 76 ވަނަ މިނެޓުގައި ލިވަޕޫލް އޭރިޔާ ތެރެއިން ކޮސްޓާ ވައްޓާލީކަމަށް ބުނެ ރެފްރީ ވަނީ ޗެލްސީއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ކޮސްޓާ ފޮނުވާލި އާދައިގެ ޕެނަލްޓީ ލިވަޕޫލް ކީޕަރު މިންގޮލޭ ވަނީ ދިފާއުކޮށްފައެވެ.

އިތުރު ލަނޑެއް ނުފެނި މިމެޗު ނިމުނުއިރު ޗެލްސީ އަށް ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ލިބިފައިވަނީ 56 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ ރޭގައި ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ ލިބުނު ޕޮއިންޓާއެކު 47 ޕޮއިންޓެވެ.

މެޗުގެ ކުރިން ދެވަނައިގައި އޮތް އާސެނަލް ވަޓްފޮޑާއި ދެކޮޅަށް ކުޅުނު މެޗު ވަޓްފޮޑް 1-2 އިން ކާމިޔާބުކޮށް އާސެނަލް އަށް ޗެލްސީއާއި ޕޮއިންޓުގެ ގޮތުން ކައިރި ކުރުމަށް ލިބުނު ފުރުސަތު ވަނީ ގެއްލުވާލާފައެވެ. ސްޕާސް ކުރީގައި އޮތީ މިހާރު ގޯލުގެ ތަފާތުންނެވެ. މާދަމާރޭ ސިޓީ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ސިޓީއަށް އަނބުރާ ހަތަރުވަނަ އަށް ދެވޭނެއެވެ. ނަމަވެސް ސިޓީ ބަލިވެ، ޔުނައިޓެޑު މޮޅުވެއްޖެނަމަ ސިޓީ 6 ވަނައަށް ވެއްޓިގެންދާނެއެވެ.