ރާއްޖޭގެ އެކި ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރު ތެރޭގައި ހިންގާނެ ހަރަކާތްތަކާއި އެކު ގައުމީ ބޭންކް ބޭންކް އޮފް މޯލްޑްިވްގެ ކޮމިއުނިޓީ ހަރާކަތް "އަހަރެންގެ ބޭންކް" ރޭ އިފްތިތާހް ކޮށްފިއެވެ.
ބޭންކްގެ ބައެއް ކަސްޓަމަރުންނާއި މުވައްޒަފުންނާއި އަދި ރާއްޖޭގެ ބައެއް ޖަމިއްޔާތަކުގެ ވެރިންނާއި އެކު ޗަމްޕާ ސެންޓްރަލްގައި ބޭއްވި މި ހަރަކާތް އިފްތިތާހްކޮށްދެއްވީ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ޗެއާމަން ފަރީހާ ޝަރީފްްއެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ބީއެމްއެލް އިން މުޖުތަމައަށް ފައިދާވާ ގޮތަށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ ފައިދާ އާންމުންނަށް ބުނެދިނުމަށް އަންނަ މަހުގެ ކޮންމެ ދުވަހަކު ހާއްސަ ހަރަކާތެއް ހިންގާނެކަމަށް ވަނީ އިއްލާންކޮށްފައެވެ.

އެގޮތުން ދިވެހިންނާއި ދިވެހިންގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިންގާ ހަރަކާތުގެ ދަށުން ލިބޭ ޕްރޮޕޯސަލްތަކަށް ފޭސްބުކް މެދުވެރިކޮށް ޝެއާކޮށް އެންމެ ގިނައިން ލައިކް ހޯދާ ފަރާތަތަކަށް ދެ ލައްކަ ރުފިޔާ ދޭނެ ކަމަށް ބޭންކުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ގައުމީ ބޭންކަކީ ދިވެެހިންގެ ކޮންމެ އާއިލާ އަަކާއި ގުޅިފައިވާ ބޭންކެއް ކަމަށާއި، ބޭންކް އަބަދުވެސް ދެމި އޮންނާނީ ފޫހިކަމެއް ވަރުބަލިކަމެއް ނެތި ދިވެހިންނަށް ހިދްމަތް ކުރުމުގައި ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރުގެ ތެރޭގައި، ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި، ތައުލީމީ ކަންކަމަށާއި ކުޅިވަރު ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން މުޅިން އަލަށް މިއަހަރު 10 ސީއެސްއާރު ޕްރޮޖެކްޓެއް އަތޮޅުތަކުގައި ހިންގަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމަށް ޖުމްލަ 300 މިލިއަން ރުފިޔާ ހޭދަ ކުރަން ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ސަބަބުން 150 އެއްހާ އާ ވަޒީފާގެ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ
ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުން އަންނަނީ އެ ބޭންކުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއްވެ، އެ ބޭންކްގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 281.8 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ވަނީ ލައިވް ޕާފޯމަންސެއްވެސް ހުށަހަޅައިދީފައެވެ.