އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމަށް މުސްލިމުން ވަނުމުން މަނާ ކުރާ ސިޔާސަތުގެ ސަބަބުން ސައިންސުގެ ދުނިޔެއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ރީސާޗަރުން ހާމަކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ތަންފީޒުކުރި މި ސިޔާސަތުގެ ސަބަބުން މުސްލިމު ގައުމުތަކުން ގިނަ ދުވަސްތަކެއް ކިޔެވުމުގައި ހޭދަކުރުމަށްފަހު އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް އެމެރިކާއަށް އައުމުން ގައުމަށް ނުވަދެވޭނެ ގޮތް ހެދިފައި އޮތުމުން ފަށާފައިވާ ޕްރޮޖެކްޓުތަކާއި ފެށުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކަށް ހުއްޓުމެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ހާމަކޮށްފައިވެއެވެ.
މެރީ ސޫ ކޯލްމެން، އެސޯސިއޭޝަން އޮފް އެމެރިކަން ޔުނިވާސިޓީސް ގެ ރައީސް ބުނެފައިވަނީ 17،000 އަށްވުރެ ގިނަ ދަރިވަރުންނަކީ ޓްރަމްޕް މަނާކުރި 7 ގައުމުތަކުގެ ދަރިވަރުންނެވެ.
"މިކަމުގެ ސަބަބުން ފީލްޑުތަކަށް ނެރޭނެ ގްރެޑުއޭޓް ސްޓޫޑެންޓުންނާމެދު އަހަރެން ކަންބޮޑުވަން. މި ކުދިންނަކީ ތައުލީމީ ގޮތުން އިންތިހާއަށް ޤާބިލު، މުސްތަޤުބަލު އުޖާލާ ދަރިވަރުން" ކޯލްމެން ބުނެފައިވެއެވެ.
ބަޔޮ މެޑިކަލް އިންޖިނިއަރިން ޕްރޮފެސާރއެއް ކަމަށްވާ ކެތްލީން ކަލެން ބުނެފައިވަނީ އެހެން ގައުމުތަކުން އަންނަ ކުދިންނަކީ ސައިންސުގެ ދުނިޔޭގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ދަރިވަރުން ކަމަށެވެ. އެކުދިން ގައުމަށް ނުވެއްދުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގައުމުގެ އެޑިއުކޭޝަން ސިސްޓަމަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ކަމަށް ކަލެން އިތުރުކޮށްފައިވެއެވެ.
ޓްރަމްޕު ސަރުކާރުގެ މި ދޯހަޅި ނިންމުމުގެ ސަބަބުން އެމެރިކާގެ ބައެއް ޔުނިވާސިޓީއިން ވަނީ މި ހަތް ގައުމުގެ ދަރިވަރުންނަށް އިތުރު އެންގުމެއް އަންގަންދެން އެމެރިކާއަށް ނައުމަށް މިހާރު އަންގާފައެވެ.