Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އެސްޓީއޯގެ މުވައްޒަފުންނަށް ހައުސިން ސްކީމެއް

ފޮޓޯ: ޕީއެސްއެމް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކުންފުނިން ފްލެޓް ދިނުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ދަތި ކަމަކީ ބޯހިޔާވަހިކަން ކަމަށާއި، މުވައްޒަފުންނަށް އަމާޒްކޮށްގެން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ފެށުމަށްޓަކައި ދިރާސާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވި ކަމަށް ވަގުތު އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެސްޓީއޯގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ފަރާތްތަކުގެ ނަން އިއުލާން ކުރާނެ ކަމަށާއި، އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ހައުސިން ސްކީމެއް ފެށުމަށް ނިންމާފައިވާ ކަމަށާއި، އަވަސް މުސްތަޤުބަލެއްގައި އެކަންވެސް އިއުލާން ކުރާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށްޓަކައި ޚިދުމަތްތައް ފޯރުކޮށްދޭން ތައްޔާރަށް ތިބި ބަޔަކަށް ހެދުމުގައި އެކުންފުނީގެ މެނޭޖްމެންޓުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ޝަހީރު ވިދާޅުވިއެވެ.