ޖޯނީ ޑެޕްގެ މާލީ އުނދަގޫތަކުގެ ފަހަތުގައި ވަނީ އޭނާގެ މަހަކު ދެ މިލިއަން ޑޮލަރުގެ ލައިފްސްޓައިލް ކަމަށް ޑެޕް އެމީހުންނާއިގެން ކޯޓަށް ގޮސްފައިވާ ވިޔަފާރި މެނޭޖަރުން ބުނެފިއެވެ.
އެމީހުން ބުނާ ގޮތުގައި ޑެޕް ވަނީ 14 ގެއެއްގެ މައްޗަށް 75 މިލިއަން ޑޮލަރަށް ވުރެ ގިނައިން ޚަރަދު ކޮށްފައެވެ. އަދި ލިޔުންތެރިޔާ ހަންޓާ އެސް ތޮމްޕްސަންގެ އަޅިތައް ކެނަން އަކުން ބްލާސްޓް ކުރުމަށްވެސް ތިން މިލިއަން ޑޮލަރު އޭނާ ވަނީ ހޭދަ ކޮށްފައެވެ.
ޕައިރޭޓްސް އޮފް ދަ ކެރީބިއަން ގައި ކެޕްޓަން ޖެކް ސްޕެރޯގެ ރޯލް އަދާކުރާ ޑެޕް ވަނީ ދަ މެނޭޖްމެންޓް ގްރޫޕްގެ ފަރާތުން ކޯޓުގައި 25 މިލިއަން ޑޮލަރުގެ ޑިމާންޑެއް ކޮށްފައެވެ. އެހެންނަމަވެސް މިހާރު އެގްރޫޕުން ވަނީ އަނބުރާ ޑެޕް ގޮވައިގެން ކޯޓަށް ގޮސްފައެވެ.
އެމީހުން ބުނާ ގޮތުގައި މާލީ ހުރިހާ މައްސަލަތަކަކީވެސް ޑެޕް އަމިއްލައަށް ޒިންމާ ވާން ޖެހޭ ކަންކަން ކަމަށެވެ.
އަދި އޭނާގެ މާލީ ހާލަތާއިމެދު އެތައް ފަހަރެއްގެ މަތިން ނަސޭހަތް އެރުވުނު ކަމުގައި ވީނަމަވެސް، ޑެޕް ވަނީ އޭނާގެ ފެންވަރުން އުޅުމާއި ދެކޮޅު ހަދާފައި ކަމަށްވެސް އެމީހުން ބުނެއެވެ.
ޑެޑްލައިން ވެބްސައިޓްގައި ޝާއިރު ކޮށްފައިވާ ގޮތުން އެ މެނޭޖްމެންޓް ޓީމުން ވަނީ ތިރީގައި މިވާ ކަންތައްތަކުގެ ތުހުމަތު ޑެޕްގެ މައްޗަށް ކޮށްފައެވެ.
1. 150 ފޫޓުގެ ޔޮޓަކަށް 18 މިލިއަން ޑޮލަރު ހޭދަ ކުރުން
2. ނާކާމިޔާބުވި ރެކޯޑް ލޭބަލް އަކަށް ހަތަރު މިލިއަން ޑޮލަރު ހޭދަ ކުރުން
3. ހަންޓާ އެސް ތޮމްޕްސަންގެ އަޅިތައް ކެނަން އަކުން ބްލާސްޓް ކުރުމަށް ތިން މިލިއަން ޑޮލަރު ހޭދަ ކުރުން
4. 40 މީހުންގެ ސްޓާފެއް ދެމެހެއްޓުމަށްޓަކައި މަހަކު 300،000 ޑޮލަރު ހޭދަ ކުރުން
5. ޕްރައިވެޓް (އަމިއްލަ) ފްލައިޓްތަކަށް މަހަކު 200،000 ޑޮލަރު ހޭދަ ކުރުން
6. ދުވަހުގެ ހުރިހާ ވަގުތެއްގައިވެސް ސެކިއުރިޓީ ދެމެހެއްޓުމަށްޓަކައި މަހަކު 150،000 ޑޮލަރު ހޭދަ ކުރުން
7. ވައިން (ބަނގުރަލުގެ ވައްތަރެއް) ގަނެ އިމްޕޯޓް ކުރުމަށްޓަކައި މަހަކު 30،000 ޑޮލަރު ހޭދަ ކުރުން
މިދިޔަ މަހު ޑެޕް ވަނީ ދަ މެނޭޖްމެންޓް ގްރޫޕުން އޭނާއަށް 25 މިލިއަން ޑޮލަރަށް ދަރަނިވެރި ވެފައިވާ ކަމަށް ބުނެފައެވެ.
އޭނާ ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ވަނީ އެގްރޫޕުން ވަނީ އޭނާގެ ޓެކްސްތައް ގަޑިން ގަޑިއަށް ދެއްކުމުގައި ނާކާމިޔާބު ވެފައި ކަމަށާއި އޭގެ ސަބަބުން އޭނާއަށް ވަނީ ޖޫރިމަނާގެ ގޮތުގައި 5.7 މިލިއަން ޑޮލަރު ދައްކަން ޖެހިފައި ކަމަށެވެ.
ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ ވަރި ފައިނަލް ކުރެވުނީ މިދިޔަ މަހުގައެވެ.
މިއަހަރުގެ މެދުތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޕައިރޭޓްސް އޮފް ދަ ކެރީބިއަން: ސަލަޒާސް ރިވެންޖް އިން ޖޯނީ ޑެޕް ފެނިގެން ދާނެއެވެ.