Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

ލަންކާ ސަރުކާރުން ސޯލާ ޕެނަލްތައް މެއިން ގްރިޑާއި ގުޅުމަށް އަންގައިފި

ސްރީ ލަންކާގެ ޔުޓިލިޓީސް ކޮމިޝަނުން އެގައުމުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުންޏެއް ކަމަށްވާ ސީލޯން އިލެކްޓްރިސިޓީ ބޯޑު އަދި ލަންކާ އިލެކްޓްރިސިޓީ ކޮމްޕެނީއަށް އާންމު ރައްޔިތުން ސޯލާ ޕެނެލް ހަރުކުރުމަށް އެދުމުން ދެ ހަފްތާ ތެރޭގައި ނޭޝަނަލް ގްރިޑުގައި ގުޅާދިނުމަށް އަންގައިފިއެވެ.

ކޮމިޝަނުގެ ރައީސް މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ ވީހާވެސް ގިނަ ރައްޔިތުން ސޯލާ ޕެނެލްތައް ބޭނުންކޮށް 'ސާފު ކަރަންޓު' ބޭނުންކުރުމަށް ބާރުއެޅުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ލަންކާ ވަނީ 2020 ވަނަ އަހަރާއި ހަމައަށް 200 މެގަ ވަޓްގެ އިއާދަކުރެނިވި ހަކަތަ މެއިން ގްރިޑުން ފޯރުކޮށްދިނުމަށް އަޒުމް ކަނޑައަޅާފައެވެ. އަދި 2025 ވަނަ އަހަރާއި ހަމައަށް މިއަދަދު 1000 އަށް މަތިކުރުމަކީ އެގައުމުގެ މިސްރާބެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ލަންކާގައި ޖުމުލަ 7904 ސޯލާ ޕެނެލް ވަނީ ފުރާޅުތަކުގައި ހަރުކުރެވި ގައުމުގެ މެއިން ގްރިޑާއި ގުޅާލެވިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މުޅިން ކާބަން ނިއުޓްރަލްވުމަށް އަޒުމް ކަނޑައަޅައި، ބުރަ މަސައްކަތްތަކެއް އެކަން ހާސިލުކުރުމަށް ކުރަމުންދާއިރު ލަންކާ ވަނީ 2020 ވަނަ އަހަރު %50 ކަރަންޓަކީ އިއާދަކުރެނިވި ހަކަތަ އިން އުފައްދާ ކަރަންޓު ކަމަށް ހެދުމަށް އަޒުމް ކަނޑައަޅާފައެވެ. 2050 ވަނަ އަހަރަށް އެއްކޮށް ކާބަން ނިއުޓްރަލް ކުރުމަށް އެމީހުން ދަނީ މަސައްކަތް ކުރަމުންނެވެ.