މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ހޯދުމަށް ސްޕެއިންގެ ރިއަލް މެޑްރިޑް އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރިއަލް އިން އަގުއޭރޯ ހޯދަން ބޭނުންވިނަމަވެސް އޭނާގެ ފަރާތުން ރިއަލް އަށް ދިއުމުގެ ޝައުގުވެރިކަމެއް މިހާތަނަށް ފާޅުކޮށްފައިނުވެއެވެ. އަގުއޭރޯ ވަނީ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ސިޓީއަށް ޗެމްޕިއަންސް ލީގު ހޯދާދީފައި ނޫންގޮތަކަށް ކުލަބު ދޫކޮށް ނުދާނެ ކަމަށް ވައުދުވެފައެވެ.
ޗެލްސީއާއި ސިޓީ ބައްދަލުކުރި މެޗުގައި އޭނާ އަށް ދެއްކި ރަތް ކާޑަށްފަހު ސަސްޕެންޝަނުގައި ހުރެ، އެނބުރިއައުމަށް ފަހު އަގުއޭރޯއަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވެއެވެ.
އޭނާގެ ދަށް ކުޅުމުގެ ސަބަބުން ކޯޗު ގާޑިއޯލާ ވަނީ އެންމެ ފަހަކަށް ކުޅުނު ވެސްޓް ހެމް މެޗުގައި ބެންޗުގައި ބަހައްޓާފައެވެ. އޭނާގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ ގެބްރިއަލް ޖީސަސް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުމުން އޭނާ ވަނީ އެމެޗުގައި ވިދާލާފައެވެ.
ގޯލަކާއި އެސިސްޓެއް އޭނާގެ ފަރާތުން އެމެޗުގައި ފެނިގެންގޮސްފައިވެއެވެ. އިނގިރޭސި މީޑިޔާތައް ބުނާ ގޮތުގައި ގާޑިއޯލާ ޒުވާން ޖީސަސްއަށް އަގުއޭރޯގެ ބަދަލުގައި ފުރުސަތު ދިނުމުން ކުރިއަށް އޮތް ސަމާ ޓްރާންސްފާގައި އަގުއޭރޯ ކުލަބު ދޫކޮށް ދިއުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.