ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕާޓީ ތެރެއިން ޕްރައިމެރީ އެއް ބޭއްވޭނެ ކަމަށާއި އެ ޕްރައިމެރީގައި ނަޝީދުވެސް ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސިއްރު ބައްދަލުވުންތަކެއް ބޭއްވުމަށް މިހާރު ސްރީ ލަންކާއަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް ވިދާޅުވެފައިވަނީ ޕާޓީގެ ކޮންމެ ފަރާތަކަށްވެސް އެމަނިކުފާނާއި ވާދަކުރެއްވޭނެ ކަމަށެވެ.
އޮންލައިން ނޫސް 'މިހާރު' އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕާޓީގެ އާންމު މެމްބަރުން ތިއްބެވީ އެމަނިކުފާނުގެ ފަހަތުގައި ކަން އެއީ އެންމެހާ ދިވެހިންނަށްވެސް އެނގޭ ކަމެއް ކަމަށެވެ.
ނަމަވެސް ގާނޫނީ ގޮތުން ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެއެވެ. އެކަމާއި ބެހޭގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވެފައިވަނީ އޭނާގެ ކެންޑިޑެންސީ ނެތް ކަމަށް ނިންމަން އަދި މާ އަވަސް ކަމަށެވެ. އަދި އެކަން އެނގިގެންދާނީ 2018 ގައި ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަކީ ވަރަށްވެސް ދުރު ވިސްނުމެއް ގެންގުޅުއްވާ ސިޔާސީ ލީޑަރެކެވެ. މިހާ އަވަހަށް 2018 ގެ އިންތިޚާބަށް އެމަނިކުފާނު ތައްޔާރުވެވަޑައިގަންނަވާނީ އިންތިޚާބުގައި ބައިވެރިވެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަން ކަށަވަރެވެ.
ރައީސް ނަޝީދަކީ ދިވެހި ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުންގެ ސަޕޯޓު ލިބިފައިވާ ލީޑަރެކެވެ. ނަމަވެސް ރާއްޖެ ދޫކުރައްވައި ބޭރަށް ހިޖުރަ ކުރެއްވި ފަހުން ސަޕޯޓަރުންނަށް ވަނީ ހިތްވަރު ގެއްލި މާޔޫސްކަމެއް ލިބިގެންގޮސްފައެވެ. އެންމެ ފަހަކަށް ލަންކާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެނބުރި ޖަލަށް ވަޑައިގަންނަން ޖެހުނު ކަމުގައި ވިޔަސް ވަގުތު ޖެހުމުން ރާއްޖެއަށް އަނބުރާ އަންނާނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށްފައެވެ.