Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އައްޑޫ މަތީ ދަރަޖަ އެވޯޑް ޕްރޮފެސަރ އުގައިލްއަށް

އައްޑޫ ސިޓީއަށް އަގުހުރި ހިދުމްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންނަށް އެވޯޑް ދިނުމަށް ބޭއްވި "އައްޑޫ އެވޯޑްސް 2016"ގެ މަތީ ދަރަޖައިގެ އެވޯޑް ސ. ހިތަދޫ ވެސްޓް ބްރީޒް ޕްރޮފެސަރ ހަސަން އުގައިލްއަށް އަރުވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ޝަރަފުއްދީން ސްކޫލް ހޯލްގައި ކުރިއަށް ދިޔަ މި އެވޯޑް ހަފްލާގައި ޕްރޮފެސަރ އުގައިލްއަށް ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް ވީޑިއޯ މެސެޖް މެދުވެރިކޮށް ޕްރޮފެސަރ އުގައިލް ވަނީ އައްޑޫ ރައްޔިތުންނަށާއި އައްޑޫ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ. އުގައިލް ވިދާޅުވީ މިއީ އެމަނިކުފާނަށް މިހާތަނަށް ލިބުނު އެންމެ އުފާވެރި އެވޯޑްކަމަށެވެ. އަދި އެންމެ ފަހްރުވެރިވާ އެވޯޑް ކަމަށެވެ.

އެންޓި ކަރަޕްޝަންގެ ރައީސް ހަސަން ލުޠުފީ ޝަރަފްވެރިކޮށްދެއްވި މި އެވޯޑް ހަފްލާގައި އައްޑޫއަށް އަގުހުރި ހިދްމަތްތަކެއް ކޮށްދެއްވި އަށް ފަރާތަަކަށް ޝަރަފްވެރިކަމުގެ އެވޯޑް ވަނީ އަރުވާފައެވެ.

ޝަރަފްވެރިކަމުގެ އެވޯޑް ލިބި ލެއްވި ބޭފުޅުން:


އިޖްތިމާއީ ދާއިރާއިން އަބްދުއްލަޠީފް މުހައްމަދު، ޖަވާހިރުމާގެ، ސ. މަރަދޫ


ތައުލީމީ ދާއިރާއިން ޑރ. އަހްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ


އިޖްތިމާއީ ހިދްމަތުގެ ދާއިރާއިން އާއިޝަތު ފާއިޒާ، ޗަމްޕާޕޫލްމާގެ، ސ.ހިތަދޫ


ކުޅިވަރުގެ ދާއިރާއިން އަބްދުﷲ މުފީދު، ކުދިމާގެ، ސ.ފޭދޫ


ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހަސަން ލަބީބް، ކެމީ، ސ.ހިތަދޫ


ސިއްޙީ ދާއިރާއިން އިބްރާހިމް ހަލީލް (ޑޮކްޓަރ ދޮން ތުއްތޫ)، ދިލްކަޝްވިލާ، ސ.ފޭދޫ


ކީރިތި ޤުރުއާން ކިޔަވައިދިނުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން މަރިޔަމް ސަމީރާ، އިހްރާމްގެ، ސ.ހިތަދޫ


އިޖްތިމާއީ ހިދްމަތުގެ ދާއިރާއިން އަހްމަދު ސާލިހް އަލިދީދީ، ފެހިވިލާގެ، ސ.ހިތަދޫ

މީގެ އިތުރުންވެސް ތަފާދު ދާއިރާތަކުން އައްޑޫއަށް ރީތި ނަން ހޯދާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް އައްޑޫ އެވޯޑްގައި ވަނީ އެވޯޑް އަރުވާފައެވެ. އެގޮތުން މަތީ ދަރަޖައިގެ އިނާމް 17 ބޭފުޅަކަށް އަރުވާފައިވާ އިރު ލަންޑަން ޖީސީއީ އޭ ލެވެލް އިން ރާއްޖެ އާއި މުޅި ދުނިޔެއިން 1 ވަނަ ހޯދި އައްޑޫގެ 2 ދަރިވަރަކަށް ވަނީ އެވޯޑް ދީފައެވެ.

ގާތްގަޑަކަށް 3 ގަޑިއިރަށް ދިގު ދެމިގެން ދިޔަ މި އެވޯޑްގައި ބްރިލިއަންސް އެވޯޑާއި، މަތީ ފެންވަރުގެ ކޯހަކުން 1 ވަނަ ހޯދި ފަރާތްތަކާއި، ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދި ފަރާތްތަކަށް ވެސް ވަނީ އެވޯޑް އަރުވާފައެވެ. މީގެ އިތުރުން ގުރުއާން ހިތު ދަސްކުރެއްވި ފަރާތްތަކާއި އެކި ދާއިރާތަކުން ހިދްމަތް ކުރައްވަމުން ގެންދަވާ ހިދްމަތްތެރީންނަށް ވެސް ވަނީ އެވޯޑް އަރުވާފައެވެ.

ހިތްވަރު ދިނުމުގެ އެވޯޑް ހާސިލް ކުރި ފަރާތައް

ދަނޑުވެރިކަމުގެ ދާއިރާއިން: މީދޫ މުޙައްމަދު ވާޙީދު

ސިއްޙީ ދާއިރާއިން: ހިތަދޫ ފާތިމަތު އަޙުމަދު، އާއިޝަތު ރަޝީދާ

ކީރިތި ޤުރުއާން އުނގަންނައި ދިނުމާއި ކީރިތި ޤުރުއާންގެ އިލްމުގެ ދާއިރާއިން: ހިތަދޫ މަރްޔަމް އަބްދުﷲ، މަރަދޫ އަބްދުލް އަޒީޒް އަޙުމަދު

ތައުލީމީ ދާއިރާއިން: މަރިޔަމް ލަތީފާ

އިޖްތިމާޢީ ހިދުމަތުގެ ދާއިރާއިން : ހުސެއިން ޙަބީބް

ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން: މުހައްމަދު ކާމިލް

މަސްވެރިކަމުގެ ދާއިރާއިން: އިބްރާހިމް ޝަފީގް

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން : ޝިމްލާ އަހުމަދު، ރިޒްނާ ޒަރީރު

ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން : މޫސާ ފަތުޙި

ކުޅިވަރުގެ ދާއިރާއިން : މަރްޔަމް ޙަމީދާ ، އަލީ ޝިހާބު

މަތީދަރަޖައިގެ އިނާމު

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ސައީދު

ރޭޑިއޮލޮޖިސްޓް ޑރ. އިބްރާހިމް ރަޝީދު

މި ރަސްމިއްޔާތުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ކައުންސިލުން ފެށި އައްޑޫ އެވޯޑްސް ކޮންމެ 3 އަހަރަކުން 1 އަހަރު ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.