Last Updated: June 30, 21:11
Tuesday, June 30, 2026
ޚަބަރު

ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތާއި ދެކޮޅަށް ފަނޑިޔާރަކު ޙުކުމް ކޮށްފި

ޓްރަމްޕްގެ ސިޔާސަތާއި ދެކޮޅަށް އެއާޕޯޓްތަކުގައި ކުރެވުނު މުޒާހަރާ ތަކުގެ ތެރެއިން - ފޮޓޯ: އޭޕީ

ހަތް މުސްލިމް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ގޮތަށް ރައީސް ޑޯނަލްޑް ޓްރަމްޕް ތަސްދީޤު ކުރެއްވި ޤާނޫނު ތަންފީޒް ކުރުން ވަގުތީ ގޮތުން މަނާ ކުރާ ގޮތަށް ސިއޭޓްލްގެ ފަނޑިޔާރަކު ނިންމައިފިއެވެ.

އެގޮތަށް ޙުކުމް ކޮށްފައި ވަނީ ފެޑެރަލް ޖަޖް ޖޭމްސް ރޮބާޓް އެވެ. ޓްރަމްޕްގެ އަމުރާއި އިދިކޮޅަށް ދިއުމުގެ ފުރުސަތެއް އެމެރިކާގެ ސްޓޭޓްތަކަށް ނެތް ކަމަށް ދައުލަތުގެ ވަކީލުން ބުނި ކަމުގައިވިޔަސް، ޖަޖް ރޮބާޓް ވަނީ އެކަމާއި ދެކޮޅަށް ވަގުތީ ޤާނޫނެއް ނެރެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޓްރަމްޕް ސޮއި ކުރައްވާފައިވާ އާ އިމިގްރޭޝަން ސިޔާސަތުގެ ސަބަބުން އެމެރިކާގެ އެއާޕޯޓްތަކުގައި ވަނީ ނުތަނަވަސްކަން އުފެދި ބޮޑެތި މުޒާހަރާތައް ކުރެވިފައެވެ.

ސްޓޭޓް ޑިޕާޓްމެންޓް އިން ބުނާ ގޮތުގައި އެސިޔާސަތު ފާސް ކުރި ފަހުން 60،000 ވިސާ ވަނީ އަނބުރާ ފޮނުވާލާފައެވެ.

ޓްރަމްޕްގެ އާ ސިޔާސަތުގެ ދަށުން އެމެރިކާގެ ރެފިއުޖީ އެޑްމިޝަންސް ޕްރޮގްރާމް ވެސް ވަނީ 120 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ވެފައެވެ.

އަދި ހަމަ އެއާއިއެކު ވަކި މުއްދަތެއް ނެތް ގޮތަށް ސީރިއާގެ ރެފިއުޖީން އެމެރިކާ އަށް ވަނުން ވަނީ މަނާ ކުރެވިފައެވެ. އޭގެ އިތުރުން އިރާޤް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަން އިން އެމެރިކާއަށް އަންނަ ކޮންމެ މީހެއްގެ ވިސާ 90 ދުވަހަށް ސަސްޕެންޑް ކުރެވޭނެ އެވެ.

ރައީސް ޑޯނަލްޑް ޓްރަމްޕްގެ ސިޔާސަތާއި ދެކޮޅަށް އެންމެ ފުރަތަމަ ޤާނޫނީ މައްސަލައެއް ހުށައަޅާފައި ވަނީ ވޮޝިންގްޓަން ސްޓޭޓް އިންނެވެ. އެއަށްފަހު މިނެސޯޓާ ސްޓޭޓް އިން ވެސް ވަނީ އެމައްސަލައަށް ތަރުހީބު ދީފައެވެ.

ވޮޝިންގްޓަން ސްޓޭޓްގެ އެޓާނީ ޖެނެރަލް ބޮބް ފާގަސަން ބުނާ ގޮތުގައި ޓްރަމްޕްގެ ސިޔާސަތަކީ ޣައިރު ޤާނޫނީ އަދި ޤާނޫނު އަސާސީ އާއި މުޅިން ޚިލާފު ނިންމެވުމެއް ކަމަށެވެ. އެއީ އެއީ އެސިޔާސަތުގެ ދަށުން އެމީހަކު ނިސްބަތްވާ ދީނަކަށް ބަލައި މީހުން ތަފާތު ކުރާތީއެވެ.

ސިއޭޓަލްގެ ފަނޑިޔާރު ނިންމެވި ނިންމެވުމަކީ ޓްރަމްޕްގެ ވެރިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ. އޭގެ ސަބަބުން މަނާ ކުރެވުނު ހަތް ޤައުމުގެ ރައްޔިތުންނަށް މިހާރު އެމެރިކާގެ ވިސާއަށް އެދި ހުށައެޅޭނެ ކަމަށް ބީބީސީގެ ޑޭވިޑް ވިލްސް ބުނެއެވެ.

އެހެންނަމަވެސް އެޙުކުމާއި ދެކޮޅަށް ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަން އަށް ކޯޓުގައި އިސްތިއުނާފަށް ހުށައެޅުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް ޑޯނަލްޑް ޓްރަމްޕް ބުނާ ގޮތުން އޭނާގެ އަމާޒަކީ އެމެރިކާ ރައްކާތެރި ކުރުމެވެ.

ޓްރަމްޕް ބުނެފައިވާ ގޮތުން އެންމެ ރަނގަޅު ސަލާމަތީ ފިޔަވަޅުތައް އަޅާ ނިމުމުން އަނެއްކާވެސް އެހަތް ޤައުމުގެ މީހުންނަށް ވިސާ ދޫކުރެވޭ ކަމަށާއި، އެއީ މުސްލިމުން އައުން މަނާ ކުރުމަށް ނިންމެވި ނިންމެވުމެއް ނޫން ކަމަށެވެ.

ގިނަ އަދަދެއްގެ ސްޓޭޓްތަކުގެ އެޓާނީ ޖެނަރަލް އިން ވަނީ އެއީ ޤާނޫނު އަސާސީ އާއި ޚިލާފު ޤަވާއިދެއް ކަމަށް ބުނެފައެވެ. އަދި ގިނަ އަދަދެއްގެ ފެޑްރަލް ޖަޖުން ވަނީ މަނާ ކުރެވުނު ހަތް ޤައުމުގެ މީހުން ޑީޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓުވާފައެވެ. އެހެންނަމަވެސް ސިއޭޓްލްގެ ޖަޖް ނިންމެވި ނިންމުމަކީ ޓްރަމްޕްގެ ސިޔާސަތާއި ދެކޮޅަށް މުޅި ޤައުމަށް ތަންފީޒް ވާގޮތަށް ކުރެވުނު އެންމެ ފުރަތަމަ ޙުކުމެވެ.