Last Updated: June 30, 21:11
Tuesday, June 30, 2026
ވިޔަފާރި

އިވަންކާ ޓްރަމްޕްގެ ބްރޭންޑް ވިއްކުން ނޯޑްސްޓްރޮމް އިން ހުއްޓާލައިފި

ފެޝަން ރީޓެއިލް ކުރާ ކުންފުންޏެއް ކަމަށްވާ ނޯޑްސްޓްރޮމް އިން އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ދޮށީ އަންހެން ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ހެދުން ބްރޭންޑް ވިއްކުން ހުއްޓާލައިފިއެވެ.

އެއީ ރައީސް ޑޯނަލްޑް ޓްރަމްޕްގެ އާއިލާއާއި އެކު ވިޔަފާރި ކުރާ ފިހާރަތައް ބޯއިކޮޓް ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލާފައި ވަނިކޮށެވެ. އެހެންނަމަވެސް ނޯޑްސްޓްރޮމް އިން ބުނަނީ އެގޮތަށް ކަންތައް ކުރަން ނިންމީ އެކުންފުނީގެ ވިޔަފާރި ދަށްވާން ފެށުމުން ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ކުންފުނި ނޯޑްސްޓްރޮމް އިން ބުނާ ގޮތުގައި ބްރޭންޑްތައް ގަތުމާއިމެދު ނިންމުންތައް ނިންމަނީ އެބްރޭންޑް އެއްގެ ޕާފޯމެންސްއަށް ބަލާފައި ކަމަށާއި، ބްރޭންޑްތައް ވަކި ކުރުމަކީ އާންމުކޮށްވެސް ކޮށް އުޅޭ ކަމެށް ކަމަށެވެ.

ބައްޕަގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިވަންކާ ޓްރަމްޕް ވަނީ ފައިވާން، އަތް ދަބަސް އަދި އަންނައުނު ވިއްކުމަށްޓަކައި އޭނާގެ ނަން ބްރޭންޑްއެއްގެ ގޮތުގައި ލައިސެންސް ކޮށްފައެވެ.

ހަމަ އެއާއިއެކު އިވަންކާ އަކީ ގަހަނާ ޑިޒައިން ކޮށް ވިއްކާ ވިޔަފާރިވެރިއެއްވެސް މެއެވެ.

"#ގްރޭބްޔުއާވޮލެޓް" ކެމްޕްއިން އިން ވަނީ ޓްރަމްޕް އާއިލާއަށް ސަޕޯޓްކުރި ހުރިހާ ކުންފުންޏެއް ބޯއިކޮޓް ކުރުމަށް ގޮވާލާފައެވެ.

އެކެންޕެއިން ފަށާފައި ވަނީ އޮކްޓޯބަރު މަހު އަންހެނުންނާއި ބެހޭގޮތުން ޑޯނަލްޑް ޓްރަމްޕް ދެއްކެވި ބޭއަދަބީ ވާހަކަތަކަކާއި މެދު ނުރުހުންތެރި ވެފައި ތިބި ދެއަންހެނުންނެވެ.

އެކެމްޕެއިންގެ ކޯފައުންޑާ ކަމަށްވާ ޝެނަން ކައުލްޓާ ވަނީ ނޯޑްސްޓްރޮމްގެ ނިންމުމާއި ބެހޭގޮތުން ޓްވިޓާގައި އުފާ ފާޅުކޮށްފައެވެ.

އެކެމްޕެއިން އިން ބޯއިކޮޓް ކުރަން ބޭނުންވާ ކުންފުނިތަކުގެ ލިސްޓާއި، ރައީސް ޑޯނަލްޑް ޓްރަމްޕް އާއި އެކުންފުނިތައް ގުޅޭ ގޮތުގެ ތަފްސީލް ކެމްޕެއިންގެ ރަސްމީ ވެބްސައިޓްގައި ޝާއިރު ކޮށްފައި ވެއެވެ.

ނޯޑްސްޓްރޮމްގެ އޮންލައިން ވެބްސައިޓްގައި ހުކުރު ދުވަހު ވިއްކަން ހުރި އިވަންކާ ޓްރަމްޕްގެ ހަމައެކަނި އައިޓެމް ތަކަކީ ހަތަރު ވައްތަރެއްގެ ފައިވާނެވެ.

އިވަންކާ އޭނާގެ ފުޓްވެއާ (ފައިވާން) ރޭންޖް އެންމެ ފުރަތަމަ ތަޢާރަފް ކުރީ 2011 ވަނަ އަހަރުއެވެ.

އެފައިވާންތައް ވިއްކުން ކެނެޑާގެ ރީޓެއިލް ކުރާ އޮންލައިން ކުންފުނި ޝޫޒް.ކޮމް އިން ވަނީ ނޮވެމްބަރު މަހު ހުއްޓާލާފައެވެ. އަދި ހަމަ އެހެންމެ އިންޓީރިއާ ޑެކާ ވިއްކާ ކުންފުނި ބެލާކާ އިންވެސް ވަނީ އިވަންކާގެ ޑިޒައިންތައް ވިއްކުން ހުއްޓާލާފައެވެ.