މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ މިފަހަރު ބަނޑުބޮޑު ވެފައި ވަނީ އެއްމާބަޑު ދެކުދިންނާއިގެން ކަމަށް ވަރަށް ފަހުން އިންސްޓަގްރާމްގައި އާންމު ކުރި ޕޯސްޓެއްގައި އޭނާ ވަނީ ހާމަ ކޮށްފައެވެ.
މާބަނޑު ނަމަވެސް ބިޔޯންސޭ އޭނާގެ ކެރިއާ އާއި ދުރަށް ޖެހިލަން އެއްވެސް ވަރަކަށް ނުވިސްނައެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާ ބަންދުގައި ބާއްވަން ހަމަޖެހިފައިވާ 2017 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގައި ބިޔޯންސޭ ޕާފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ބިޔޯންސޭގެ ނުވަ ވަނަ އަލްބަމް ކަމަށްވާ "ލެމަނޭޑް" ގެ ލަވަތަކާއި އެކު އޭނާ ވަނީ ގްރެމީ އަށް ނޯމިނޭޓް ވެފައެވެ. އެގޮތުން ރެކޯޑް އޮފް ދަ އިޔާ، ސޯންގް އޮފް ދަ އިޔާ އަދި އަލްބަމް އޮފް ދަ އިޔާ، މި ތިން ކެޓަގަރީ އިން އޭނާ ވަނީ ނޯމިނޭޓް ވެފައެވެ.
މިއަހަރުގެ ބަހާރު މޫސުމުގައި ބާއްވާ ކޯޗެލާ މިއުޒިކް ފެސްޓިވަލް އިންވެސް ބިޔޯންސޭ ފެންނާ ކަމުގެ އުންމީދު އޭނާގެ ފޭނުން ދަނީ ކުރަމުންނެވެ.
59 ވަނަ ގްރެމީ އެވޯޑްސް ފެބްރުއަރީ 12 ވާ އާދިއްތަ ދުވަހުގެ ރޭ އެކިއެކި ޗެނަލްތަކުން ލައިވް ކޮށް ދައްކާނެއެވެ.
ބިޔޯންސޭ ވަނީ އެންމެ ގިނައިން ލައިކް ކުރެވުނު ޕޯސްޓްގެ ރެކޯޑް މުގުރާލާފައެވެ.
އެގޮތުން ބުދަ ދުވަހު އޭނާ ވަނީ ފިރިމީހާ ޖޭ ޒީ އާއިއެކު އެއްމާބަނޑު ދެކުދިންގެ އުންމީދު ކުރާ ކަމަށް އިންސްޓަގްރާމް މެދުވެރިކޮށް ބުނެފައެވެ.
މާތަކުން ވަށައިގެންވާ ތަނެއްގައި ބިޔޯންސޭ އޭނާގެ ބަނޑައިގެން ނަގާފައިވާ ފޮޓޯ އަށް ވަނީ 8 މިލިއަން އަށްވުރެ ގިނަ ލައިކް ލިބި، މިހާތަނަށް އިންސްޓަގްރާމްގައި އެންމެ ގިނައިން ލައިކް ކުރެވުނު ޕޯސްޓްގެ މަޤާމް ހޯދާފައެވެ.
އެފޮޓޯ ޕޯސްޓް ކުރިތާ ދެގަޑި އިރު ތެރޭގައިވެސް އެއަށް ވަނީ ހަތަރު މިލިއަން އަށްވުރެ ގިނަ ލައިކް ލިބިފައެވެ.
ބިޔޯންސޭގެ މާބަނޑު އިތުރު ފޮޓޯތައް އޭނާގެ ރަސްމީ ވެބްސައިޓްގައި ވަނީ ޝާއިރު ކުރެވިފައެވެ.