Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ރޮނާލްޑޯ: 2016 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތްލީޓު

ފޮޓޯ: ގޯލް.ކޮމް

ރިއަލް މެޑްރިޑުގެ ފޯވާޑު ވަނީ މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތްލީޓުގެ މަގާމު ހާސިލުކޮށްފައެވެ.

ފޯބްސް މެގަޒިން އިން އާންމުކުރި މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ މިދިޔަ އަހަރުގައި ޗެމްޕިއަންސް ލީގު އަދި ޔޫރޯ މެޑަލް ހާސިލުކުރި ކްރިސްޓިއާނޯއަށް ލިބިފައިވަނީ ބާސާގެ ލިއޯ މެސީ އާއި ބާސްކެޓު ބޯޅައިގެ ލެބްރޮން ޖޭމްސް އަދި ޓެނިސްއިން ރޮޖާ ފެޑެރާއާއި ވާދަކޮށްފައެވެ.

މިދިޔަ އަހަރު އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރަށް ވެފައިވާ ރޮނާލްޑޯއަށް ދަނޑު ބޭރުންވެސް މިދިޔަ އަހަރުވީ ކާމިޔާބު އަހަރަކަށެވެ. ޖުމުލަ 88 މިލިއަން ޑޮލަރު ރޮނާލްޑޯ އަށް މިދިޔަ އަހަރު ލިބިފައިވެއެވެ. އޭގެތެރެއިން 56 މިލިއަން ރިއަލް މެޑްރިޑްގެ މުސާރައާއި އެހެނިހެން ބޯނަސްތަކުން ލިބިފައިވާއިރު 32 މިލިއަން ސްޕޮންސަރ އިން އޭނާ ހޯދާފައިވެއެވެ.

ރޮނާލްޑޯއާއި ލިސްޓުގެ އެއްވަނައަށް ވާދަކޮށްފައިވަނީ ބާސާގެ ފޯވާޑް ލިއޯ މެސީއެވެ. މެސީއަށް މިދިޔަ އަހަރު ލިބިފައިވަނީ 81.4 މިލިއަން ޑޮލަރެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ ބާސްކެޓު ކުޅުންތެރިޔާ ލެބްރޮން ޖޭމްސްއެވެ. އޭނާއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ 61.8 މިލއަން ޑޮލަރަށް އަރާފައިވެއެވެ. މަޝްހޫރު ޓެނިސް ކުޅުންތެރިޔާ، ރޮޖާ ފެޑެރާ އަށް 54.3 މިލިއަން ޑޮލަރާއެކު މިދިޔަ އަހަރުގައި ލިބުނީ ލިސްޓުގެ ހަތަރުވަނައެވެ.

ފުޓުބޯޅަ ކުޅުންތެރިންނާއި ބާސްކެޓު، ޓެނިސް އަދި އެމެރިކަން ފުޓުބޯޅަ އާއި ފޯމިއުލާ ވަން ގެ އެތްލީޓުން ވަނީ އާދައިގެ މަތިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެތްލީޓުންގެ ލިސްޓުގެ ގަދަ 20 ގައި ހިމެނިފައެވެ.