Last Updated: July 3, 11:07
Friday, July 3, 2026
ކުޅިވަރު

ހިތަދޫ ތިން ސްކޫލަކަށް ޑިލައިޓް އަލީ ކުޅިވަރު ސާމާން ހަދިޔާކޮށްފި

ޑިލައިޓް އަލީ (ކ) ގައި ސްކޫލެއްގެ އޮފިޝަލަކާ ތަކެތި ހަވާލުކޮށް ދެއްވަނީ. ފޮޓޯ/ އައްޑޫ ލައިވް

ވޯލީބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރަމުން އަންނަ އަލީ ލަޠީފް (ޑިލައިޓް އަލީ) ސ. ހިތަދޫގެ ތިން ސްކޫލަކަށް ކުޅިވަރު ސާމާން ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު ހިތަދޫ "އައިސް ޑިލައިޓް" ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އަލީ ވަނީ މި ސާމާން ހިތަދޫގެ ތިން ސްކޫލް ކަމަށްވާ ޝަރަފުއްދީން ސްކޫލާއި، ހިތަދޫ ސްކޫލް އަދި އައްޑު ހައި ސްކޫލްތަކުގެ ބޭފުޅުންނާއި ހަވާލުކޮށްފަ އެވެ. މިއަދު ސްކޫލްތަކަށް ހަދިޔާ ކޮށްފައި ވަނީ ކޮންމެ ސްކޫލަކަށް ހަ ބޯޅަ އާއި ވޮލީ ނެޓެކެވެ.

މޯލްޑިވްްސް ވޮލީ ބޯޅަ އެސޮސިއޭޝަންގެ އެކްސްކޯ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ސްކޫލްތަކަށް މުޅިން ހަދިޔާ ކުރީ ވޮލީބޯޅަ ކުޅޭ ސާމާން ކަމަށެވެ.

"ސްކޫލްތަކަށް މިއަދު މި ހަދިޔާ ކުރީ ވޮލީ ކުޅޭ ސާމާން، ކުރިމަގުގައި އެހެނިހެން ކުޅިވަރު ކުޅޭ ސާމާން ސްކޫލަށް ހަދިޔާ ކުރާނަން." އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އައްޑުއަކީ ކުރިން ވޮލީގައި ރާއްޖޭގެ އެންމެ މަޝްހޫރު ސަރަހައްދު ކަމަށެވެ. ނަމަވެސް މިހާރު އައްޑޫން ވޮލީގެ ފޯރި މުޅިން ކެނޑިފައިވާ ކަމަށެވެ. އެހެންވެ ސްކޫލްތަކަށް އެހީތެރިވެ ދީގެން ވޮލީ ބޯޅަ ކުޅިއަރުވަން ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އައްޑޫގައި ވޮލީގެ ފޯރިއެެއް ނެތެ. ދެން ވޮލީ ކުރި އެރުވޭނީ ސްކޫލްތަކަަށް އެހީވެދީގެން. އެހެންވެ މިވަގުތު މި މަސައްކަތް ފެށީ." އަލީ ވިދާޅުވި އެވެ.

ކުރިމަގުގައި އައްޑޫގައި ވޮލީ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އަލީ ވަނީ ބުނެފައެވެ. މި ރަސްމިއްޔާތުގައި ސްކޫލްތަކުގެ ކުޅިވަރު ސްޕަވައިޒަރުން ބުނެފައިވަނީ ވޮލީ ކުރިނޭރުވިގެން އުޅެނީ އެކަމަށް އެސޯސިއޭޝަނުން މަސައްކަތް ނުކުރެވޭތީ އާއި ސްކޫލްތަކުގައި ކުޅިވަރަށް ބަޖެޓް ނެތުމުންނެވެ. އަދި އަލީ މިއަދު ސްކޫލްތަކަށް ވެދެއްވި އެހީ އެފަރާތަކުން ޝުކުރުވެރިކަމާއިއެކު ވަނީ ބަލައިގެންފައެވެ.