އިނގިރޭސި ޕްރިމިއާ ލީގުގެ 6 ވަނައިގައި ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް މެންޗެސްޓާ ޔުނައިޓެޑުން ހޭދަކޮށްފައިވާއިރު އެންމެ ފަހަކަށް ކުޅުނު ހަލް ސިޓީ މެޗުން އެއްވަރުވުމާއެކު މިސީޒަނުގައިވެސް ގަދަ ހަތަރަކުން ޖާގަ އެއް ނުލިބި ނިންމަން ޖެހިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
މާދަމާ ލެސްޓާ ސިޓީއާއި ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނެފައިވަނީ ކުޅުންތެރިން ގޯލު ޖަހަން ޖެހޭ ކަމަށެވެ. 9 މެޗު މިސީޒަނުގައި އޭނާގެ ޓީމު އެއްވަރުވެފައިވާއިރު މޮރީނިއޯ ބުނެފައިވަނީ އެ ހުރިހާ މެޗަކުން އޭނާގެ ޓީމު މޮޅުވާން ހައްގު ކަމަށެވެ.
ޓީމުގެ ފޯވާޑުންނަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު ސެންޓް ފޯވާޑް އިބްރަހިމޮވިޗަށް މިސީޒަނުގައި 94 ޝޮޓުން ޖެހިފައިވަނީ އެންމެ 14 ގޯލެވެ. ޕޮގްބާއަށް 75 ޝޮޓުން ގޯލުގެ ތެރެއަށް ފޮނުވާލެވިފައިވަނީ އެންމެ 4 ޝޮޓެވެ.
ހަލް ސިޓީ މެޗުން މޮޅުވެ ދެވަނައާއި ދެމެދު އޮތް ފަރަގު ކުޑަކުރަން ޔުނައިޓެޑަށް ލިބުނު ފުރުސަތު ލަނޑެއް ނުޖެހި އެއްވަރުވެ ގެއްލިފައިވުމުން ޓީމަށް އަނެއްކާވެސް ކުރިއަށް ދިއުމަށް އުނދަގޫ ތަކެއް ކުރިމަތިވެފައިވެއެވެ. ހަވަނައިގައި ޔުނައިޓެޑު 42 ޕޮއިންޓާއެކު އޮތް އިރު 5 އަދި ހަތަރު ވަނައިގައި ސިޓީ އަދި ލިވަޕޫލް އޮތީ 46 ޕޮއިންޓު ލިބިގެންނެވެ. ދެވަނަ އަދި ތިންވަނައިގައި ސްޕާސް އަދި އާސެނަލް އޮތީ 47 ޕޮއިންޓާއެކު އެވެ.
ޔުނައިޓެޑަށް ދެން ތާވަލުގައި ކުރިއަށް ދިއުމަށް ފުރުސަތެއް އޮތީ އަނެއްކާވެސް ކުރީގައި ތިބި ޓީމުތައް ޕޮއިންޓު ދަށް ވެގެންނެވެ. އާސެނަލް އާއި ޗެލްސީ މިއަދު ބައްދަލުކުރާއިރު ޗެލްސީއަށް އާސެނަލް ބަލިކޮށް ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.