ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަންގަލަދޭޝްގެ ރައްޔިތަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދީފައިވާގޮތުން މޯލްޑިވިއަންގެ ފްލައިޓަކުން ބަންގްލަދޭޝްގެ ޑާކާ އިން ރާއްޖެ އައި މީހާގެ އަތުން 162 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
އޭނާ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި މަނާކޮށްފައިވާ ބޭހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކަސްޓަމްސް އިން ވަނީ އޭނާ ގެނައި 1452 ގުޅަ މަނާ ބޭސް އަތުލައިގެންފައެވެ.
އޭނާގެ ލަގެޖުން ޝައްކުވާފަދަ އެއްޗެއް ފެނިގެން ކްލިއަރެންސް އޮފިސަރުން ވަނީ އިތުރަށް ބަލާ ފާސްކުރުމަށް ލަގެޖު ހިފަހައްޓާފައެވެ. މަސްތުވާތަކެތި ފެނިފައި ވަނީ ފޮށި ތެރޭގައި ފޮރުވާފައި ހުރި ޕެކެޓެއްގެ ތެރެއިންނެވެ.
މިމައްސަލަ މިހާރު ކަސްޓަމްސް އިން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. މިގޮތަށް ރާއްޖެއަށް އެތެރެކުރަމަށް ބޭރު މީހުންނާއި ބޭރަށް ގޮސްފައި އަންނަ ދިވެހިންގެ އަތުން ކަސްޓަމްސް އިން ވަނީ މީގެ ކުރިންވެސް އެތައް ގުރާމެއްގެ މަސްތުވާތަކެތިި އަތުލައި ފުލުހުންނާއި ހަވާލުކޮށްފައެވެ.