Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

އާސެނަލް ބަލިކޮށް ޗެލްސީ ލީޑު ފުޅާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކޮށް ޗެލްސީ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ގާއިމު ކޮށްފިއެވެ.

ޗެލްސީގެ ފުރަތަމަ ގޯލު ޑިފެންޑަރ މާކޮސް އެލޮންސޯ ޖަހާފައިވަނީ މެޗު ފެށިގެން 13 ވަނަ މިނެޓު ތެރޭގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެލޮންސޯ ޖެހި ގޯލާއެކު 0-1 އިންނެވެ.

ދެވަނަ ގޯލު ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވެ ޖަހާފައިވަނީ ހަޒާޑެވެ. މި ދެގޯލަށްވެސް އެސިސްޓު ކޮށްފައިވަނީ ފޯވާޑް ޑިއެގޯ ކޯސްޓާއެވެ.

ޗެލްސީގެ ފަހު ގޯލު މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޖަހާފައިވަނީ އާސެނަލް ކީޕަރ ޕީޓަ ޗެކް ޑިފެންސް އިން ދިން ބޯޅަ އިދިކޮޅު ޓީމުގެ ފެބްރިގާސް އަށް ލިބިގެންނެވެ. ފެބްރިގާސް ވަނީ އޭނާގެ ކުރީގެ ޓީމު ކޮޅަށް ވަރަށް ރީތި ބޯޅައެއް މަތިން ވައްޓާލާފައެވެ.

މެޗުގެ ފަހު ގޯލު އަދި އާސެނަލްގެ ހަމައެކަނި ގޯލު ޖަހާފައިވަނީ މިމެޗުގައި ބެންޗުން ކުޅެން ނިކުތް އޮލިވިއާ ޖިރޫޑެވެ. މެޗުން މޮޅުވެ ޗެލްސީއަށް 59 ޕޮއިންޓު ލިބިފައިވާއިރު ދެވަނަ އަދި ތިންވަނައިގައި އޮތް އާސެނަލްއާއި ސްޕާސްއަށްވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. މިރޭ މިޑްލްސްބްރަގް ބަލިވެއްޖެނަމަ ސްޕާސްއަށް ޗެލްސީގެ 12 ޕޮއިންޓުގެ ލީޑު 9 ޕޮއިންޓަށް ކުޑަ ކުރެވޭނެއެވެ.