Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ކެންސަރ ސޮސައިޓީއަށް ބީއެމްއެލްއިން ތިރީސް ހާސް ރުފިޔާގެ ހަދިޔާއެއް

ދުނިޔޭގެ ކެންސަރ ދުވަސް ފާހަގަކުރުމަށް އިއްޔެ ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ފެސްޓިވަލްގައި ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް 30،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދެއްވައިފިއެވެ.

"#ވީކޭންއައިކޭން ސަޕޯޓް ތުރޫ ސްޕޯރޓް" ޝިއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލްގައި ބޭންކް ވަނީ ބައިވެރިވެ، އެތަނުގައި ކުރިއަށް ގެންދިޔަ ޓޭބަލް ޓެނިސް ހަރަކާތް ސްޕޮންސާރ ކޮށްފައެވެ.

"ބީއެމްއެލްއިން ވަނީ ބައިވެރިން ޖެހި ކޮންމެ ޓީޓީ ބޯޅައެއްގެ އަދަދަށް ސީއެސްއެމްއަށް ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. މިއެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށެވެ"

ޓޭބަލް ޓެނިސް އިވެންޓްގައި ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިންނާއި ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެ ކުޅެފައެވެ.

މި ފެސްޓިވަލްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ލިލީ ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަރަކާތުގައި ބައިވެރިވެ އެހީ ފޯރުކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުޅިވަރުގެ ތެރެއިން އެހީވުމަކީ ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަމާއި ސިއްހީގޮތުން ދުޅަހެޔޮގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށް އާންމުން ހޭލުންތެރިކުރެވިދާނެ ވަރަށް ރަނގަޅު ގޮތެއްކަމުގައެވެ.

ބީއެމްއެލްއިން ސީއެސްއެމްއަށް ފައިސާގެ އެހީތެރިކަމެއް ދެއްވިއިރު އެބޭންކުން ވަނީ މަދަނީ ޖަމިއްޔާތަކާއި އެހެނިހެން އިޖްތިމާއީ މަސައްކަތްތަކާއި އެކު ބޮޑު ސީއެސްއާރް ޕްރޮގްރާމެއް ހިންގުމަށް ނިންމާފައެވެ. "އަހަރެންގެ ބޭންކް"ގެ ނަމަުގައި ފަށާފައިވާ ކެމްޕެއިން ތެރެއިން މިފަދަ އެތައް ކަމެއް ފެނިގެންދާނެކަމަށް ބީއެމްއެލް ބުންޏެވެ.