ޤާނޫނު އަސާސީއާއި އެއްގޮތަށް މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާން އިދިކޮޅު އެމްޑީޕީ އިން ބޮއިކޮޓު ކުރަން ނިންމައިފިއެވެ.
އެމްޑީޕީގެ ފަރާތުން 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފަށް ކުރާ ހިންގާ އަމަލުތަކާއި އޮޅުވާލައިގެން ދައްކާ ވާހަކަތައް އަޑުއެހުމުގައި އެމްޑީޕީގެ މެމްބަރުން ބައިވެރި ނުވުމަށް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމާފައިކަމަށެވެ.
އެހެންކަމުން ދަރުބާރުގޭ ގައި ބޭއްވޭ މިޖަލްސާގައި މިއަހަރުވެސް އެމްޑީޕީގެ މެމްބަރަކު ބައިވެރި ނުވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ގާނޫނު އަސާސީގައި ވާގޮތުން ކޮންމެ އަހަރަކުވެސް މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ގައުމުގެ ހާލަތު ރައްޔިތުންނަށް ބަޔާންކޮށް، އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކުގެ މައްޗަށް ބަޔާނެއް އިއްވަން ޖެހޭނެއެވެ. އަދި މިޖަލްސާ ބާއްވަން ޖެހޭނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައެވެ.