Last Updated: June 27, 18:15
Saturday, June 27, 2026
ޚަބަރު

ޕީޕީއެމް ބޮޑު ޖަލްސާ އަނެއްކާވެސް ފަސް ކޮށްފި

ޕީޕީއެމްގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކުރުމުގެ ބޮޑު ޖަލްސާ ތިންވަނަ ފަހަރަށް ފަސްކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހުނު ޖަލްސާ މިހާރު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

'ހޭވައްލާ' ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގައި ޕީޕީއެމްގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 500 އަށްވުރެ ގިނަ ކެންޑިޑޭޓުންނާ ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެއެވެ.

ޕީޕީއެމްގެ އިން ބުނެފައިވަނީ މިޖަލްސާ ފަސްކުރުމަށް މެދުވެރިވި ސަބަބަކީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާ ތާރީޚް ބަދަލުކޮށް ވާދަކުރުމަށް ހުޅުވާލި މުއްދަތު އަނެއްކާވެސް އިތުރުކުރުމުންނެވެ.

އިންތިޚާބު ދެވަނަ ފަހަރަށް ފަސްކުރެވިފައިވާއިރު މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބައްވަން ތާވަލް ކުރެވިފައިވަނިކޮށް ޕީޕީއެމް އިން ކޯޓުގައި އެދުމުން ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އިންތިޚާބު ފަސްކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްރިލް މަހުގެ 8 އަށް އިންތިޚާބު ފަސްކޮށްފައެވެ. ނަމަވެސް މިހާރު އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚަކީ އެޕްރިލް 15 އެވެ.

ޕީޕީއެމް އިން ބުނެފައިވަނީ މިއިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށެވެ. ޕީޕީއެމްގެ 500 އަށްވުރެ ގިނަ ކެންޑިޑޭޓުންނާއި އެމްޑީއޭ އަދި ޑީއާރްޕީ ކޯލިޝަނުން އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.