އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަދި މިޑްލްސްބްރަގް ބައްދަލުކުރި މެޗު 0-1 އިން މޮޅުވެ އާސެނަލްގެ ކުރިއަށް ތާވަލުގައި ސްޕާސް ޖެހިލައިފިއެވެ.
މެޗުގެ ހަމައެކަނި ގޯލު 58 ވަނަ މިނެޓުގައި ކޭން ޖެހި ޕެނަލްޓީއަކުން ފެނިގެން ގޮސްފައިވާއިރު ސްޕާސްގެ ފަރާތުން މިދުވަސްކޮޅު ފެނިގެންދަނީ ގޯލު މަދު ކުޅުމެކެވެ. އެންމެ ފަހަކަށް ސަންޑަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ.
ނަމަވެސް ރޭ އެވަޓަން އަދި ބޯންމައުތް ބައްދަލުކުރި މެޗުގައި ދެޓީމުގެ ފަރާތުން ޖުމުލަ 9 ގޯލު ފެނިގެން ގޮސްފައިވެއެވެ. 3-6 އިން އެވަޓަން މޮޅުވެގެން ނިމުނު މިމެޗުގައި އެވަޓަންގެ ފޯވާޑް ލުކާކޫ ވަނީ ހަތަރު ގޯލު ޖަހާފައެވެ. އޭނާގެ ހެޓްރިކު ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގުގެ 100 ވަނަ ހެޓްރިކަށެވެ.
ލިވަޕޫލްއާއި ހަލް ސިޓީ ބައްދަލުކުރި މެޗުން ވެސް ލިވަޕޫލް ވަނީ 0-2 އިން ބަލިވެފައެވެ. މިއީ ލިވަޕޫލް އަށް މޮޅެއް ނުލިބި މެޗު ނިންމާލަން ޖެހުނު ފަސް ވަނަ މެޗެވެ. ޓީމު ކުޅުނު އެންމެ ފަހަކަށް ކުޅުނު 10 މެޗުން އެންމެ މެޗަކުން މޮޅުވި ލިވަޕޫލް ވެފައިވަނީ ލީގުގައިވެސް އެންމެ ދަށް ފޯމެއް ކުރިއަށް ގެންދާ ޓީމަށެވެ.
މެޗަށް ފަހު ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ ލިވަޕޫލް ކުޅުންތެރިން ދަނޑުމަތީގައި ހޭލަން ޖެހޭ ކަމަށެވެ. ދަށް ނަތީޖާތަކުގެ އަސްލަކީ ކުޅުންތެރިންގެ ފަރުވާކުޑަކަން ކަމަށް ދޭހަވާ ގޮތަށް ކްލޮޕްގެ ބަސްތައް ވަނީ އަމާޒުވެފައެވެ.