Last Updated: June 27, 18:15
Saturday, June 27, 2026
ޚަބަރު

ދޮރަށް އެރީ ގިރިފުށިން އައި ވަޒަނެއް ނޫން: މިނިސްޓަރު

ކ.ހިންމަފުށީ ލިލީނައިޓް ގޭގެ ކުޑަ ދޮރަށް އަރާފައިހުރީ ގިރިފުށިން ސިފައިންގެ ތަމްރީނަށް ޖަހާފައިވާ ބަޑިއަކުން އައި ވަޒަނެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ ރަށު އަތިރިމަތީގައި ހުރި މިގޭގެ ކުޑަ ދޮރަށް މިދިޔަ ޖެނުއަރީ މަހުގެ 28 ވީ އަންގާރަ ދުވަހުގެ ރޭ އެރި ވަޒަނަކީ ގިރިފުށިން އައި ވަޒަނެއް ކަމަށް ބެލެވޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވި ނަމަވެސް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ ގިރިފުށީގައި ބޭނުން ކުރާ ހަތިޔާރު ތަކުން ދޫކުރެވޭ ވަޒަނެއް ހިންމަފުށްޓާއި ހަމައަށް ނުފޯރާނެ ކަމަށެވެ.

ބަޑިތަކާއި ބެހޭ އިންސްޓަރަކްޓަރުން ވަޒަން ފެނުނު މައްސަލަ އިވުނު ހިސާބުން މައްސަލަ ތަހުގީގުކުރަން ފެށި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

""ސިފައިން ތިބީ ހިމޭނަކުން ނޫން، އެނގުނު ވަގުތުން އެކަން އަންނަނީ ސްޓަޑީކުރަމުން. ގިރިފުށީގެ ތަމްރީނުތަކުން ހިންމަފުށީ ރައްޔިތުންނަށް ބިރުވެރިކަމެއް ނެތް،" މިނިސްޓަރާއި ހަވާލާދީ އޮންލައިން ނޫސް 'މިހާރު' އިން ރިޕޯޓުކޮށްފައިވެއެވެ.

2015 ވަނަ އަހަރުވެސް ގޮތް ނޭނގޭ ވަޒަނެއް ހިންމަފުށްޓަށް އަރާފައިވި ނަމަވެސް އެ ވަޒަންވެސް އައީ ކޮން ތަނަކުން ކަމެއް ސިފައިންނާއި ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ގިރިފުށިން ނަޔަސް ވަޒަން އަންނާނީ ކޮންމެވެސް ތަނަކުންނެވެ. ދިވެހި ރާއްޖެއަކީ އާންމުގެ އަތުގައި ބަރު ހަތިޔާރު ތިބޭ ގައުމެއް ނޫނެވެ. މިފަދަ މައްސަލައެއް ތަކުރާރު ވުމަކީ ސަރުކާރުން އާންމު ރައްޔިތުންގެ ސަލާމަތަށްޓަކައި ބޭރުން މީހުން ގެނެސްގެން ނަމަވެސް ތަހުގީގުކޮށް ދަނެގަންނަން ޖެހޭ ފަދަ މައްސަލައެކެވެ.