Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

މޫނު ބުރުގާ މަނާ މައްސަލާގައި ކޯޓަށް!

ސިވިލް ސާވިސްގެ މުވައްޒިފުން ވަޒީފާގައި ތިބޭ އިރު މޫނު ބުރުގާ ނޭޅޭނެ ކަމަށް ބަޔާންކޮށްފައިވާ ގަވާއިދު ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންތަކަކާއި ވަކީލުންތަކެއް ހައިކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

ޖުމުލަ 13 މީހަކު ވެގެން ހައިކޯޓަށް ހުށައެޅި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ (ހ) އަކީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ޚިލާފު މާއްދާއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

ސިވިލް ސާވިސްގެ ގަވާއިދުގައި ވާގޮތުން މުވައްޒިފުން ވަޒީފާގައި ތިބޭއިރު ހެދުން އަޅާފައި ހުންނަން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިގަވާއިދުގެ ސަބަބުން މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާއަކަށް ނުނިކުމެވޭނެއެވެ.

އިލްމުވެރިންނާއި ވަކީލުންވެގެން މި މާއްދާ ބާތިލުު ކުރުމަށް ކޯޓަށް ހުށައަޅާފައިވަނީ ރަސްދޫ ޓީޗަރަކު މޫނު ބުރުގާ ނުނެގުމުން ވަޒީފާއިން ކަނޑާފައި ވަނިކޮށެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިގޮތަށް އަމަލުކުރުމުން ދިވެހި ރާއްޖޭގައި ތިބި ދީނީ އިލްމުވެރިން ވަނީ މިފަދަ އަމަލުތަކަކީ ދީނުގެ އަސާސްތަކަށް ގޮން ޖެހުން ކަމަށާއި މޫނު ބުރުގާ އެޅުމަކީ އިސްލާމް ދީނުގެ ޝިއާރެއް ކަމަށް ވިދާޅުވެ އެމައްސަލަ ކުއްވެރިކޮށްފައެވެ.