Last Updated: June 27, 18:15
Saturday, June 27, 2026
ކުޅިވަރު

ޔުނައިޓެޑަށް ފަސޭހަ މޮޅެއް، ލެސްޓާއަށް ނުތަނަވަސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެމްޕިއަން ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 އިން ޔުނައިޓެޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ޔުނައިޓެޑުގެ ދެ ގޯލު ކައިރި ކައިރީގައި ފެނިގެން ގޮސްފައިވާއިރު ފުރަތަމަ ގޯލު ޖަހާފައިވަނީ މިޚިތަރިޔަންއެވެ. އޭނާގެ ގޯލަށް ދެ މިނެޓު ނުވަނީ އިބްރަހިމޮވިޗް ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފަހު ގޯލު ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ޖަހާފައިވަނީ ޔުއަން މަޓާއެވެ. ލެސްޓާއަށް އަނެއްކާވެސް ބައްޔަކާއި ކުރިމަތިލާން ޖެހިފައިވާއިރު އެޓީމަށް 2017 ވަނަ އަހަރުގައި އަދި ލީގު ގޯލެއްވެސް ޖެހިފައިނުވެއެވެ. ރެލިގޭޝަނުން އެންމެ ޕޮއިންޓެއް ކުރީ ލެސްޓާ އޮތް އިރު ގިނަ ބަޔަކު ގަބޫލުކުރަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަން މިސީޒަނުގައި ޗެމްޕިއަންޝިޕަށް ރެލިގޭޓް ވާނެ ކަމުގައެވެ.

ރޭ ކުޅެވުނު މެންޗެސްޓާ ސިޓީ އަދި ސްވެންސީ މެޗު ހަނި ގޮތަކަށް 1-2 އިން ސިޓީ ކާމިޔާބުކޮށްފިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ގޯލު ޖަހައި ސިޓީއަށް ލީޑު ނަގާދީފައިވާއިރު މެޗުގެ ފަހު 10 ވަނަ މިނެޓު ތެރޭ ސްވެންސީގެ ސިގަރޑްސަން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އިތުރު ވަގުތުގެ ފަސް މިނެޓު ތެރޭގައި ސިޓީއަށް ލީޑު ނަގާދީފައިވަނީ އަނެއްކާވެސް ޖީސަސްއެވެ.

ސިޓީގެ މިމޮޅާއެކު މި ހަފްތާގައި ބަލިވި އާސެނަލް އަދި ލިވަޕޫލްގެ ކުރިއަށް ވަނީ ޖެހިލާފައެވެ. ޔުނައިޓެޑަށް އަދިވެސް 6 ވަނައިން ސަލާމަތް ވެވިފައި ނުވި ނަމަވެސް ޓީމު އޮތީ ފަސްވަނައިގައި އޮތް ލިވަޕޫލްގެ ފަހަތުގައި އެއް ޕޮއިންޓު، ހަތަރު ވަނައިގައި އޮތް އާސެނަލް ފަހަތުގައި ދެ ޕޮއިންޓާއެކުއެވެ. ދެން ހަފްތާގައި އާސެނަލްއާއި ލިވަޕޫލް ކުޅޭއިރު ޔުނައިޓެޑު މެޗުން މޮޅުވެއްޖެނަމަ ފަސްވަނައަށް ދެވޭނެއެވެ.