އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިޤް މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމަށް އަންގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯބެގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ ކައުންސިލަރ ޙަސަން ޝާހިދު ވެސް މިއަދު ހިތަދޫ ކޯޓަށް ހާޒިރު ވުމަށް ވަނީ އަންގާފައެވެ.
ސޯބެ އާއި ޝާހިދުގެ މައްޗަށް ކުރަނީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފާއިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ. ހިތަދޫ ކޯޓުން ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މިއަދު މެންދުރުފަހު 2:15 އަށް ކޯޓަށް ހާޒިރު ވުމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރ ކަމަށް ކުރިމަތިލައްވާނެ ސޯބެ ވަނީ ހާމަކުރައްވާފައެވެ.
މީގެ ކުރިން ބޭއްވި 2 ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް އުތުރު ދާއިރާއިން އައްޑޫ ސިޓީ ކައުންސިލަށް ސޯބެ އިންތިޚާބު ވެފައި ވަނީ ވަރަށް ތަނަވަސް އަޤްލަބިއްޔަތަކާއި އެކުގައެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި އައްޑޫގައި އެންމެ އިސްކޮށް އުޅުއްވާ ސޯބެ އަކީ، އައްޑޫގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.