މިއަހަރުގެ ތެރޭގައި އައްޑޫގައި މަސް ފިނިކޮށް ބެހެއްޓޭނެ ފެސިލިޓީއެއް އައްޑޫގައި ޤާއިމްކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއަރުވަން ތަފާތު ކަންކަން ފެށިގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް(މިފްކޯ) އެސްޓީއޯގެ ދަށަށް ބަދަލުކުުރުމުގެ ފައިދާ ލިބެމުންދާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
ހުޅުމީދޫގައި ޤާއިމުކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަސްފެކްޓްރީގެ ބިންގާ އަޅާފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ފެކްޓަރީގައި 1500 މެޓްރިކްޓަންގެ ކޯލްޑް ސްޓޯރޭޖަކާއި 100 މެޓްރިކްޓަން ބްރައިން ފްރީޒްކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް މިފްކޯ އިން އޭރު ވަނީ ބުނެފައެވެ.
50 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަމާއި 100 ޓަނުގެ ސްޓޯރޭޖެއްގެ އިތުރުން 200 ޓަން ޑީސަލް ސްޓޯރޭޖާއި 250 ޓަން ފްރެޝް ވޯޓަރ ސްޓޯރޭޖެއްގެ ހުންނަ މި ފެކްޓްރީ ނިމޭ އިރު އެ ސަރަހައްދުގައި މަސްވެރިންގެ މެރީނާއެއް ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށް މިފްކޯ އިން ހާމަކޮށްފައިވެއެވެ.
2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މިފްކޯގެ ސީއީއޯ އަދްލީ ވިދާޅުވެފައި ވަނީ، މަސްފެކްޓަރީގެ މަސައްކަތް ނިމި 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެތެރޭގައި ޚިދުމަތް ދެވެން ފެށޭނެކަމަށެވެ.