ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު ދެއްވި މި އަހަރުގެ ރިއާސީ ބަޔާން އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން ސިފަކުރަނީ އުއްމީދުން ފުރިގެންވާ ބަޔާނެއްގެ ގޮތުގައެވެ. ރިޔާސީ ބަޔާން އަޑުއެހި ރައްޔިތުން 'ހެއްވާލައިފި' ކަމަށާއި ހަމައެކަނި އައްޑޫއަށް ވެސް ތަރައްޤީ 'ޔަޤީން' ވެގެން ހިނގައްޖެ ކަމަށް އެއްބަޔަކަށް ޤަބޫލުކުރެވިއްޖެއެވެ.
މުޖްތަމަޢުގައި އަބަދުވެސް ތަފާތު ޚިޔާލުގެ މީހުން އުޅޭނެއެވެ. އެހެންވީމާ އެއްބަޔަކަށް ރަގަޅު ވާ ކަންތައް އަނެއް ބަޔަކަށް ގޯސް ވެދާނެއެވެ. އެއީ މައްސަލައެއް ވެސް ނޫނެވެ. އެހެން ނަމަވެސް ކަންކަމުގައި ހަގީގަތަކީ ކޮބައިތޯ ބެލުމަކީ ވެސް ނެތް ކަމެއް ނޫނެވެ.
އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަކީ ޒަމާނުއްސުރެ އައްޑޫ ރައްޔިތުން ދެކެމުން އަންނަ ހުވަފެނެކެވެ. ރާއްޖޭގެ މިނިވަންކަމަށް ބައި ޤަރުނު ވެގެން ދިޔައިރު ތަފާތު 4 ސަރުކާރެއް އައިސްފިއެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ، ފަތުރުވެރިކަމުގެ ހުވަފެން އައްޑޫ ރައްޔިތުނަށް ދައްކާ 5 ވަނަ ސަރުކާރެވެ. އެހެންވީމާ ސަރުކާރުތަކުން ފަތުރުވެރިކަމާއި ގުޅުވައިގެން ވަމުންދާ ވައުދުތަކަކީ، އައްޑޫގެ ރައްޔިތުންނަށް އާ ވާހަކަ ތަކެއް ނޫނެެވެ.
މި ސަރުކާރު ވެރިކަމަށް އައީ، އައްޑޫގައި "ބިން ހިއްކައިގެން ނަމަވެސް 5000 އެނދު ޤާއިމްކުރަން" ވައުދުވުމަށް ފަހުއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވަމުންދާ ކޮންމެ ދުވަހަކީ، ފަތުރުވެރިކަމާއި ގުޅުވައިގެން އިތުރު މަޝްރޫޢުތައް އައްޑޫގައި ފަށަން ނިންމާފައިވާ ކަމުގެ ވާހަކަ ސަރުކާރުން ދައްކަވާ ދުވަސްތަކެވެ.

2017 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވި އިރު އައްޑޫގެ ރައްޔިތުން ތިބީ، އިސްމެހެލާ ހެރަ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްލޭން އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އާޢި އެސްއީޒެޑްގެ ދަށުން އައްޑޫގައި ހިންގަން ފަށާ މަޝްރޫޢުތަކުގެ ވާހަކަ އަޑު އަހަން ކެތްމަދުވެފައެވެ.
އެހެން ނަމަވެސް ރިޔާސީ ބަޔާން ނިމިގެން ދިޔައިރު، ރައީސް އަބްދުﷲ ޔާމީން އައްޑޫގެ ފަތުރުވެރިކަމާއި ބެހޭ އެއްވެސް ވާހަކައެއް ވިދާޅެއް ނުވިއެވެ. އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވާނެ ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުން ދެއްކެވި ވާހަކަފުޅުތައް "ފަލްސަފާ" އަކަށް ވީ ހެއްޔެވެ؟
ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތާއި އަދު ސަރުކާރުގެ ސިޔާސަތު ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބަޔާނަކަށް ވީއިރު، އެ ބަޔާނުގައި އައްޑޫގެ ފަތުރުވެރިކަން ތަރައްޤީ ކުރައްވާ ވާހަކަ އެއް ނުހިމެނެއެވެ.
އިސްމެހެލާ ހެރަ ޕްރޮޖެކްޓެއް އިފްތިތާޙު ކުރިތާ 2 އަހަރު ވަނީއެވެ. އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލެއް ނުކުރެވެއެވެ. ހަންކެޑެ ގައި ފަތުރުވެރިކަން ތަރައްޤީ ކުރާ ވާހަކައެއް ސަރުކާރުން ނުދައްކައެވެ. އިންތިޚާބުތަކާއި ދިމާކޮށް ސަރުކާރުގެ ވެރިން އައްޑޫއަށް ވަޑައިގެން އެ ރަށް ފެންނަ ހިސާބަށް ގޮސް ތިބެ ފޮޓޯ ނަންގަވައިގެން މާލެ ދަނީއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެއްވި 4 ވަނަ ރިޔާސީ ބަޔާނަށް ފަހު ރައްޔިތުންނަށް ލިބުނު މެސެޖަކީ، އައްޑޫގެ ފަތުރުވެރިކަމަކީ، ސަރުކާރުގެ ޕްރައިއޯރިޓީ ލިސްޓުގައި ހިމެނޭ ކަމެއް ނޫން ކަމެވެ.