ހޯދަމުން ދާތާ އެތައް ދުވަސްތަކެއް ފަހުން ކަނޑުއަޑީގެ މަންޒަރުތައް ފިލްމް ކުރާ ކޮންސަވޭޝަނިސްޓް ކަމަށްވާ ރޮބް ސްޓުވާޓްގެ މަރުވެފައި އޮތް ހަށިގަނޑު ރެސްކިއު ޑައިވަރުންނަށް ފެނިއްޖެއެވެ.
އޭނާ މަރުވެފައި އޮތްވާ ފެނިފައި ވަނީ ހުކުރު ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އުމުރުން 37 އަހަރުގެ ސްޓުވާޓް ގެއްލިފައި ވަނީ ފްލޮރިޑާގެ އިސްލަމޮރާޑާގައި ކެނެޑާގެ ސަރުކާރުގެ ބޯޓެއް ކަމަށްވާ 'ކުއީން އޮފް ނަސާއު' އަޑިޔަށް 1926 ވަނަ އަހަރު ދިޔަ ތަނުގައި ފީނަން ގޮސް އުޅެނިކޮށެވެ.
ސްޓުވާޓް ގެއްލުމާއި ގުޅިގެން ކޯސްޓް ގާޑް އާއި ގިނަ އަދަދެއްގެ ޑައިވަރުންނާއި ބޯޓްތަކުގެ ވެރިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް އެކުގައި ކޮށްފައެވެ. ހޯދަމުން ދަނިކޮށް ފެނުނުއިރު ސްޓުވާޓްގެ ހަށިގަނޑު އޮތީ އޭނާ އެންމެ ފަހުން ދިރިހުއްޓައި ފެނުނު ސަރަޙައްދުގެ 300 ފޫޓް ދުރުގައި 280 ފޫޓް އަޑީގައި އޮތްވައެވެ.
އައުޓްސައިޑްއޮންލައިން ވެބްސައިޓުން ރިޕޯޓް ކުރާ ގޮތުގައި ގޮތުގައި ސްޓުވާޓް އާއި ޕީޓާ ސޯޓިސް ވަނީ 'ކުއީން އޮފް ނަސާއު' ގައި އެދުވަހު ތިން ފަހަރެއްގެ މަތިން ފީނާފައެވެ. އެއީ ސްޓުވާޓްގެ ދިރިއުޅުމުގައި އޭނާ އެންމެ ފުނަށް ފީނި ދުވަހެވެ. ފީނުމަށްފަހު އެދެމީހުން އެންމެ ފަހުން ފެނުން މައްޗަށް އަރާފައި ވަނީ އެތަނުގެ ގަޑިން ހަވީރު 17:00 ގައި އެވެ. އެއިރު ބޯޓުގެ ފަޅުވެރިންނަށް ވަނީ އެމީހުން ފެނިފައެވެ.
ސްޓުވާޓް އޯކޭ ސިގްނަލް ދިން ކަމުގައި ވިޔަސް، ސޯޓިސް ބޯޓަށް އެރިއިރު ހުރީ ތެޅިތެޅި އެވެ. އޭގެ މާގިނައިރު ތަކެއް ނުވަނީށް ސޯޓިސް ހޭނެތިގެން ވެއްޓުނެވެ. ބޯޓުގެ ފަޅުވެރިން ވަނީ ފުޅީގައި ބަންދު ކޮށްފައި ހުރި އޮކްސިޖަން ބޭނުން ކޮށްގެން އޭނާ ހޭއެރުވުމުގެ މަސައްކަތް ކޮށްފައެވެ. އެވަގުތު އެމީހުންގެ ތިބީ ކަނޑަށް ފުރަގަސް ދީގެންނެވެ. އިރުކޮޅެއް ފަހުން ސްޓުވާޓް ހޯދުމަށް އެނބުރުނުއިރު އޭނާ ފެންނާކަށް ނެތެވެ. ބޯޓުގެ ފަޅުވެރިން ވަނީ ވަގުތުން އެހީ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އޭގެ ފަސް މިނެޓް ތެރޭގައި ނޭވީ ހެލިކޮޕްޓަރަކާއި ކޯސްޓް ގާޑްގެ އުޅަނދަކާއި، އިތުރު ފަޅުވެރިންނާއި އެޗްއެޗް-65 ގެ ހެލިކޮޕްޓަރެއްވެސް ވަނީ ސްޓުވާޓް ހޯދުމަށްޓަކައި އެސަރަޙައްދަށް ފޮނުވާފައެވެ.
އިންސްޓަގްރާމްގެ ޕޯސްޓަކުން އެނގިފައިވާ ގޮތުގައި ސްޓުވާޓް ދިޔައީ އޭނާގެ މަޝްހޫރު ފިލްމް "ޝާކްވޯޓާ"ގެ ދެވަނަ ބައިގެ މަންޒަރުތަކެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޑައިވަރުން ވަނީ ސްޓުވާޓްގެ މަރާއި ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ.
Not the news we were hoping/praying for. My heartfelt sympathies go out to family & friends of #RobStewart.
— John Tory (@JohnTory) February 3, 2017