Last Updated: July 3, 08:38
Friday, July 3, 2026
ސިޔާސީ

ސަރުކާރު ފެއިލްވަމުންދާ ތަނެއް ނުފެނޭ: ޑރ. ހަސަން

މިހާރު މިއޮތް ސަރުކާރު ފެއިލްވަމުންދާ ކަމަށް ބުނެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަބްދުﷲ ޔާމީނު އިއްޔެ ރޭ ދެއްކެވި ވާހަކައަށް ރައްދު ދެއްވައި މި ސަރުކާރު ފެއިލްވަމުންދާކަމުގެ އެއްވެސް ނިޝާނެއް ފެންނަމުން ނުދާކަމަށް ރައީސްގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ އެއްއަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ މި ސަރުކާރު ފެެއިލްވަމުންދާ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ.

ޕީޕީއެމްގެ ވެސް ބޮޑު ހިއްސާއެއް އޮތް މި ސަރުކާރު ފެއިލްވަމުން ދާކަަމަށް ޔާމީން ވިދާޅުވުމާއި ގުޅިގެން ރައިސް ވަހީދުގެ އެޑްވައިޒަރ ޑރ. ހަސަން ސައީދު ވިދާޅުވީ ބޮޑު ކޯލިޝަނަކާއެކު އުފެދިފައިވާ ޑރ. ވަހީދުގެ ސަރުކާރު ފެއިލްވަމުންދާކަން ގަބޫލުފުޅު ނުކުރައްވާކަމަށާއި އަދި އެފަދަ މަންޒަރެއް މިއަދާހަމައަށް ފެނިފައިވެސް ނުވާ ކަމަށެވެ.

ނަމަވެސް ސަރުކާރަށް ދިމާވެފައިވާ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް ޑރ. ހަސަން ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ސަރުކާރަށް ދިމާވާ ކޮންމެ ގޮންޖެހުމަކަށް ފާޑުކިއުމުގެ ބަދަލުގައި ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކެއް ގުޅިގެން އެގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކޮށްފި ނަމަ ހުރިހާކަމެއްވެސް ރަނގަޅުވެގެން ދާނެ ކަމަށެވެ.

ޔާމީނުގެ މި ވާހަކަތަކަށް ރައްދުދެއްވައި ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރ، އަބްދުﷲ މައުސޫމްވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މައުސޫމް ވިދާޅުވީ ޔާމީނު ދެއްކެވި ވާހަކަތަކަކީ އެހާ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ޕީޕީއެމްއިން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރަށް ކާމިޔާބީއެއް ލިބިއްޖެނަމަ އެކަމުގެ މެޑަލްޖެހުމަށްފަހު ފާޑުކިއުމެއް އަމާޒުވެއްޖެ ނަމަ އެކަމުން ބަރީއަވުމަށް ކަމަށެވެ.

މައުސޫމް ވިދާޅުވީ ސަރުކާރަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބަޖެޓްގެ މައްސަލަވެސް ދިމާވެފައިވަނީ ޕީޕީއެމްގެ ސަބަބުންކަމަށާއި އެކަމުގެ ޒިންމާ ޕީޕީއެމުން ފުރިހަމަ އަށް ނަގަން ޖެހޭނެ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ އަބްދުﷲ ޔާމީނު ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އަމާޒު ކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.