މިހާރު ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަހްމަދު އަދީބުގެ ގާތް މީހެއް ކަމަށްވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮންނަ އެސްއޯއެފް ގެ ފަރާތުން އެއް ފަހަރާ 160 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝާން (އެމްއެމްޕީއާރްސީ) އިން ސިވިލް ކޯޓުގައ ކުރި ދައުވާ ބޭރުކޮށްލުމުން، އަނެއްކާވެސް އެމައްސަލަ ހުށައަޅަން ނިންމައިފިއެވެ.
މިއަދު ސިވިލް ކޯޓުގައި މިމައްސަލައިގެ އަޑުއެހުން ބޭއްވިއިރު، އެއަޑުއެހުމަށް އެމްއެމްޕީއާރްސީގެ ވަކީލު ހާޒިރު ނުވުމާއި ގުޅިގެން ކޯޓުން ވަނީ އެމައްސަލަ ބޭރު ކޮށްފައެވެ.
ވަކީލަށް ކޯޓަށް ހާޒިރު ނުވެވުނީ ކޯޓުން މިއަދުގެ އަޑުއެހުމަށް ހާޒިރުވާން ޗިޓް ދީފައި ނުވާތީ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.
އޭގެ ސަބަބުން ކޯޓުން އެމައްސަލަ މިހާރު ބޭރުކޮށްފައި ވާތީ، އަލުން އެމައްސަލަ ހުށައެޅުމުގެ މަސައްކަތާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ސަރުކާރުގެ ފައިސާއަށް ވެފައިވާ ޚިޔާނާތާއި ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިވަޔަވަޅެއް އަޅައި، ހޯދަން ޖެހޭ ހުރިހާ ފައިސާއެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށް ވަގުތު އޮންލައިން ނޫހުން ރިޕޯޓް ކުރެއެވެ.
އެކުންފުނިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެސްއޯއެފް އިން އެމްއެމްޕީއާރްސީ އަށް ދައްކަން ޖެހޭ 158 މިލިއަން ރުފިޔާ އާއި 6.1 މިލިއަން ރުފިޔާ އެއްފަހަރާ އެކީއެކައްޗަކަށް ހޯދުމަށެވެ.
އެއީ އެސްއޯއެފް އާއި އެމްއެމްޕީއާރްސީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ތެރެއިން އެމްއެމްޕީއާރްސީ އިން އެސްއޯއެފް އަށް ދީފައިވާ ފައިސާތަކެކެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީ އިން ވަނީ އެ އެއްބަސްވުން ބާތިލުކޮށް ދިނުމަށްވެސް ސިވިލް ކޯޓުގައި ކުރި ދައުވާގައި އެދިފައެވެ.